ސިޔާސީ މައިދާނުގައި މަސައްކަތްކުރާ ހުރިހާ މީހުނަކީ ރައްޔިތުނަށް އޮޅުވާލައި މަކަރުހަދާ ބަޔަކަށްވާން ނުޖެހޭ ކަމަށާއި ސިޔާސީ އެންމެނަކީ މަރުކަރުހަދާ ބައެއްނޫން ކަން ކަށަވަރުކޮށްދޭން ބޭނުންފުޅުވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުލްﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ހަފްލާގައި ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުނަށް އަމަނާތްތެރިކަމާއި ތެދުވެރިކަމާއިއެކު މަސައްކަތްކޮށްދޭނެ ވެރިންވެސް އެބަތިބިކަން ސާބިތުކޮށްދެއްވަން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރައްޔިތުނަށް ކަށަވަރުކޮށްދޭން ދިވެހި ރައްޔިތުނަށް އަމާނަތްތެރިކަމާއި އިހްލާސްތެރިކަމާއެކު އެކު މަސައްކަތްކުރާނެ ވެރިންވެސް އެބަތިބިކަން. އަޅުގަނޑު ދިވެހި ރައްޔިތުނަށް ކަށަވަރުކޮށްދޭން ބޭނުންވަނީ އިނގިރޭސި މުހާވިރާ ބަސްއޮންނަ ގޮތަށް ހުރިހާ ސިޔާސީ މީހުނަކީ މަކަރުހަދާ ބައެއް ނޫންކަން، " ރައީސް ވިދާޅުވި އެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ މީހުންނަކީ މަކަރުހަދާ އޮޅުވާލާ ބައެއް ނޫން ކަމަށާއި އެމީހުނަކީ ރައްޔިތުނަށް ދެރަ ގޮތަކަށް ކަން ކުރެވުނަސް ރައްޔިތުން ކިބައިން މާފަށް އެދެން ކެރޭ މީހުން ކަމަށެވެ.

"ސިޔާސީ މީހުންނަކީ ރައްޔިތުންގެ މަދަދުބޭނުންވާ ހިނދު ރައްޔިތުން ކައިރި އެދިގެން މަދަދު ހޯދާމީހުން. އަދި ކަންކަން ނިކަމެތިކޮން ދެރަވާ ގޮތަށް ދިޔައީމަ ރައްޔިތުން ކައިރީގައި ދިލަތި މާފަކަށް އެދެން ކެރޭ މީހުން. ސިޔާސީ މީހުނަކީ ރައްޔިތުނަށް ދަންދޮރު ދަންނަ ކަމަށް ގަބޫލުކުރާ މީހުން." ރައީސް ވިދާޅުވި އެވެ.

ސިޔާސީ އެންމެނަކީ ރައްޔިތުންގެ ސިނކުނޑިއަށް "ސަވާރުވާނެ ބައެއްނޫން" ކަން އެމަނިކުފާނާއި މި ސަރުކާރުގެ ވަޒީރުންންގެ އިތުރުން ރައްޔިތުން މަޖިލީހުގެ މެންބަރުން މި ފަސް އަހަރުގެ ތެރޭގައި ސާބިތުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

" މި ލިބުން އަގުލަބިއްޔަތާއެކު ދައްކަން ބޭނުންވަނީ ތަހްޒީބް ދުނިޔޭގައި ރައްޔިތުން މަޖިލީހުން ރައްޔިތުންނަށް އަމާނަތްތެރިކަމާއެކުގަ ރައްޔިތުނަށް ހިދުމަތްކުރާތަން. އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރާއްޖޭގެ ލޭންޑް ސްކޭޕް ބަދަލުކޮށްލަން. އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރާއްޖޭގެ އިގުތިސާދީގެ ދުވެހި ބަދަލުކޮށްލަން، " ރައީސް ޔާމިން ވިދާޅުވި އެވެ.