ޒުވާން ކުޅުންތެރިން ހޯދުމުގައި ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށްބުނެ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ސްޕެއިންގެ ފުޓްބޯޅައިގެ ގަދަ ބާރު ކަމަށްވާ ބާސެލޯނާއާ ދެކޮޅަށް އަޅާފައިވާ "ޓްރާންސްފާ ބޭން" އަކީ، ވަރަށް ބޭއިންސާފުކޮށް އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ކްލަބުގެ ރައީސް ޖޯޒެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.

ބާސާއަށް ޒުވާން ކުޅުންތެރިން ހޯދުމުގައި އެ ކްލަބުން ފީފާގެ ގަވާއިދުތަކާ ވަރަށް ބޮޑަށް ހިލާފުވެފައިވާ ކަމަށްބުނެ، ފީފާއިން ވަނީ، 14 މަސްދުވަހުގެ މުއްދަތަށް ބާސާއަށް ކުޅުންތެރިން ގަތުން މަނާކޮށްފަ އެވެ.

ބާސާއިން ބުނެފައިވަނީ، ފީފާއިން އަޅާފައިވާ ފިޔަވަޅާ ދެކޮޅަށް އެ ކްލަބުން އެޕީލް ކުރާނެ ކަމަށެވެ.

"އަހަރެމެން މިކަމާ ދެކޮޅަށް މަސައްކަތް ކުރާނަން. ސަބަބަކީ އަހަރެމެން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ބޮޑު ބޭއިންސާފެއް،" ބާޓޮމެއޫ ވިދާޅުވި އެވެ.

ފީފާއަށް ހުށަހެޅުނު މައްސަލަތަކަކާ ގުޅިގެން އެ އިދާރާއިން ހޯދި ހޯދުންތަކުން، 2009 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދު 18 އަހަރުން ދަށުގެ 10 ކުޅުންތެރިއަކު ބާސާއަށް ގެނެސް ޓީމަށް ކުޅުވުމުގައި އެ ކްލަބާއި އަދި ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ވެސް ވަރަށް ބޮޑު އިހްމާލުތަކެއް ވެފައިވާކަން ވަނީ ހާމަވެފަ އެވެ.

ފީފާގެ ގަވާއިދު ބުނާގޮތުން ވަކި ހަމަތަކެއްގެ ތެރެއިން މެނުވީ އިންޓަނޭޝަނަލް ޓްރާންފާ ހުއްދަވާނީ ހަމަ އެކަނި 18 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ގައުމެއް ނުވަތަ ޔޫރަޕުގެ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ގައުމެއްގެ 18 އަރާއި 16 އަހަރާ ދެމެދުގެ ކުޅުންތެރިއަކު އެހެން ގައުމެއްގެ ކްލަބަކަށް ބަލަދުވާ ނަމަ، ބަދަލުވެވޭނީ އެ ކުޅުންތެރިޔާގެ ބަލަދުވެރިން ފުޓްބޯޅައާ ގުޅުން ނެތް ބޭނުމެއްގައި އެ ގައުމަކަށް ބަދަލުވާނަމަ އެވެ. އަދި އެ ކުޅުންތެރިޔާ ދިރި އުޅޭ ސަރަހައްދަކީ ބަދަލުވާން ބޭނުންވާ ކްލަބު އޮންނަ ހިސާބަ 100 ކިލޯމީޓަރު ދުރު ނޫން ސަރަހައްދެއް ނަމަވެސް ކްލަބް ބަދަލުކުރެވިދާނެ އެވެ.

ބާޓޮމެއޫ ވިދާޅުވީ ކުޅުންތެރިން ހޯދުމުގައި އެ ކްލަބުން ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަންގެ ގަވާއިދުތަކާ އެއްވެސް ވަރަކަށް ހިލާފުވެފައި ނުވާނެ ކަމަށާއި އަދި އެ ކްލަބުގެ އެކަޑަމީ ކުރިއަށް ގެންދާ ނިޒާމަކީ އެއަށްވުރެ ހަރުދަނާ ނިޒާމެއް ކަމަށެށެވެ.

"އަހަރެމެން ބޭނުމެއް ނުވޭ އެއްގޮތަކަށް ވެސް އަހަރެމެންގެ އެކަޑަމީ ކުރިއަށް ގެންދާ ސިސްޓަމް ބަދަލުކުރާކަށް،" ބާޓޮމެއޫ ވިދާޅުވި އެވެ. "ދަ މެސިއާ ސިސްޓަމް އަކީ ބަދަލުކުރާނެ ނިޒާމެއް ނޫން. އަދި އެއީ އަހަރެމެން ބޭނުންވާ ގޮތް އަދި ކްލަބުގެ މެންބަރުންނާއި ސަޕޯޓަރުން ވެސް ދަންނާނެ ކަމެއް."

"ވޭތުވެ ދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބުކަމާ އެކު މި ކްލަބުން ކުރިއަށް ގެންގޮސްފައިވާ ކުޅުންތެރިން ރެކްރޫޓް ކުރުމުގެ މޮޑެލްއަށް ފީފާއިން ބޭއިންސާފުން ދީފައިވާ ހަމަލާއާ ދެކޮޅަށް އަހަރެމެން މަސައްކަތް ކުރާނަން."

ބާސާގެ ރައީސް ވިދާޅުވީ އެ ކްލަބާ ދޭތެރޭގައި ފީފާއިން ފިޔަވަޅު އަޅާފައިވާނީ، ބަޔަކު ދުރާލައި ވަރަށް ބޮޑަށް ރާވައިގެން "ކާކުކަން ނޭނގޭ ގޮތަށް" ކޮށްފައިވާ ތުހުމަތު ތަކަކާ ގުޅިގެން ކަމަށެވެ. އަދި ބާސާގެ ލަ މާސިއާ އެކަޑެމީ ބަރުބާދުކޮށްލުމަށް މަސައްކަތް ކުރަނީ ކޮންބަޔަކު ކަން ހޯދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ކާމިޔާބު ހޯދާން ވަރަށް އުނދަގޫ ވާނެ މައްސަލައެއް ކަން އެނގޭ. ކޮންމެވެސް މީހަކު ފިލައި ހުރެގެން ބާސާ އެކަޑަމީގެ ނަން ކިލަނބުކުރުމަށް ދަނީ މަސައްކަތް ކުރަމުން،" ބާޓޮމެއޫ ވިދާޅުވި އެވެ.

ބާސާގެ ރައީސް ވިދާޅުވީ، އެ ކްލަބުގެ ބޮލުގައި އަޅުވާފައިވަނީ، ދޮގު ތުހުމަތު ތަކެއް ކަމަށާއި އޭގެ ސަބަބުން ކްލަބަށް ދަތި އުނދަގޫތަކާ އެކު ބޮޑު ހިތްދަތި ކަމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

ބާސާ އަށް ކުޅުންތެރިން ނުގަނެވޭ ގޮތަށް 14 މަސްދުވަހުގެ ސަސްޕެންޝަނެއް ދިނުމުގެ އިތުރުން ފީފާއިން ވަނީ، އެކްލަބު 509،000 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ. އަދި ފީފާއިން ބެލި މައްސަލައިގައި ހިމެނޭ 18 އަހަރުން ދަށުގެ 10 ކުޅުންތެރިންގެ ކަންތައްތައް ރަނގަޅު ކުރުމަށް ފީފާއިން ވަނީ، ބާސާ އަށް 90 ދުވަހުގެ މުހުލަތެއް ވެސް ދީފަ އެވެ.