04 Apr 2014, 10:31
ފަހަކަށް އައިސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕް މިއަދު ހަވީރު ފަށާނެ އެވެ.
މިއަހަރުގެ ކްލަބު މޯލްޑިވްސް ކަޕްގައި ފިރިހެން 36 ޓީމެއް ބައިވެރިވެފައިވާ އިރު މުބާރާތުގެ އަންހެން ބައި ނުވަތަ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 10 ޓީމެއް ބައިވެރިވެފައިވެ އެވެމއިަދު ހަވީރު މުބާރާތް ފެށިގެންދާ އިރު، މުބާރާތުގެ ފުރަތަމަ ދުވަހު، ފިރިހެން ބައިގެ ހަތަރު މެޗަކާއި އަންހެން ބައިގެ ހަތަރު މެޗެއް ކުރިއަށް ދާނެ އެވެ.
ފުރަތަމަ މެޗުގައި ފިރިހެން ބައިގެ ގްރޫޕް އެކެއްގައި މޯލްޑިވިއަން އާއި އެފްއެސްއެމް ބައްދަލުކުރާ އިރު، ދެވަނަ މެޗެއްގެ ގޮތުގައި ކުރިއަށްދާނީ އަންހެން ބައިގެ މެޗެކެވެ. މި މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ. މި ދެމެޗު ވެސް ކުރިއަށްދާނީ ހަވީރު އެވެ.
ރޭގަނޑު ކުޅޭ މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ފިރިހެން ބައިގެ ގްރޫޕް ދޭއްގައި ޕޮލިސް ކްލަބާއި ފެނަކާ ކޯޕަރޭޝަން ބައްދަލުކުރާ އިރު، އަންހެން ބައިގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި އިކޮނޮމިކް މިނިސްޓްރީ އެވެ. އެ މެޗުތަކަށް ފަހު، ފިރިހެން ބައިގެ ގްރޫޕް ތިނެއްގައި އެއާޕޯޓްސް އާއި ފިނޭންސް ރެކްރިއޭޝަން ކްލަބު ބައްދަލުކުރާ އިރު، އަންހެން ބައިގައި ކުރިއަށް ދާނީ ފެނަކަ އާއި ދިރާގު ބައްދަލުކުރާ މެޗެވެ. މިރޭ ކުޅޭ ފަހު ދެ މެޗުގެ ތެރެއިން ފިރިހެން ބައިގެ ގްރޫޕް ހަތަރެއްގައި އެމްސީސީ އާއި ބޭންކް އޮފް މޯލްޑިވްސް ބައްދަލުކުރާ އިރު، އަންހެން ބައިގައި ބައްދަލު ކުރާނީ މޯލްޑިވިއަން އާއި އެންޓި ކޮރަޕްޝަން އެވެ.
މުބާރާތުގެ ފިރިހެން ބައިގެ ގްރޫޕް އެކެއްގައި ހިމެނެނީ މޯލްޑިވިއަން އާއި އެފްއެސްއެމް އާއި ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބެވެ. ގްރޫޕް ދޭއްގައި ޕޮލިސް ކްލަބާއި ފެނަކާ އާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީ ހިމެނޭ އިރު، ގްރޫޕް ތިނެއްގައި ހިމެނެނީ އެއާޕޯޓްސް ކޮމްޕެނީ އާއި ފިނޭންސާއި އެމްޓީސީ އަދި ޕީޖީ އެވެ.
ގްރޫޕް ހަތަރެއްގައި އެމްސީސީ އާއި ބީއެމްއެލް އާއި މީރާ އަދި ހޯމް ފޯ ސްޕެޝަލް ނީޑްސް ހިމެނޭ އިރު، ގްރޫޕް ފަހެއްގައި ހިމެނެނީ އެމްޕީއެލް އާއި އެޗްޑީސީ އާއި ހައުސިންގް މިނިސްޓްރީ އަދި މަނިޓަރީ އޮތޯރިޓީ އެވެ. ގްރޫޕް ހައެއްގައި ސިފައިންގެ ކްލަބާއި އެލައިޑް އާއި އުރޫދީ އަދި ސިވިލް ކޯޓު ހިމެނޭ އިރު، ގްރޫޕް ހަތެއްގައި ހިމެނެނީ އެސްޓީއޯ އާއި އެމްއާރުޑީސީ އާއި ޔޫތު މިނިސްޓްރީ އަދި އެމްބީސީ އެވެ.
ގްރޫޕް އަށެއްގައި މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ އާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި އީޕީއޭ އަދި އޭވިއޭޝަން ސެކިއުރިޓީ އޮތް އިރު، ގްރޫޕް ނުވައެއްގައި ހިމެނެނީ ކަސްޓަމްސް އާއި ޕީއޯ ސޯޝަލް ކްލަބާއި ދިރާގު އަދި އެންޓީ ކޮރަޕްޝަން ކޮމިޝަނެވެ.
ދިހަ ޓީމު ބައިވެރިވެފައިވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާ ދެ ގްރޫޕަކަށް ބަހާލެވިފައިވެ އެވެ. އަންހެން ބައިގެ ގްރޫޕް އެކެއްގައި ޕޮލިސް ކްލަބާއި ފެނަކަ އާއި އެެޑީކޭ ސިނާޖީ އާއި އެމްއޭސީއެލް އަދި ދިރާގު ހިމެނޭ އިރު، ގްރޫޕް ދޭއްގައި ހިމެނެނީ ސިފައިންގެ ކްލަބާއި މޯލްޑިވިއަން އާއި އެންވަޔަރަންމެންޓާއި އިކޮނޮމިކް މިނިސްޓްރީ އަދި އޭސީސީ އެވެ.
ކްލަބް މޯލްޑިވްސް ކަޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑެވެ. އަދި 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދީ ސިފައިންގެ ކްލަބެވެ.