މި ސަރުކާރަކީ، ހިދުމަތް ދިނުމުގައި ވަކި ޕާޓީއެއްގެ މީހަކަށް ބަލާނެ ސަރުކާރެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އާޓިފިޝަލް ބީޗުގައި "ޝުކުރިއްޔާ ގައުމު"ގެ ނަމުގައި ރޭ ބޭއްވި ހާއްސަ ފަރިއްކޮޅެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުންދޭ ހިދުމަތްތައް ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ކަމާއެކު ލިބިގެންދާނެ ކަމަށެވެ.

"އަޅުނގަޑަކީ ކުލައަކަށް ބަލާ މީހެއް ނޫން. އަޅުނގަޑުމެން ސަރުކާރުގެ ހިދުމަތް ހުރިހާ ކުލައަކާއި ހަމައަށް އާއްމުވެގެންދާނެ. މި ދިވެހި ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ހުރިހާ މަންފާއެއް ހުރިހާ ކުލައަކަށް ބެހިގެންދާނެ. އަޅުނގަޑުގެ ކުރިމަތީގައި ކޮންމެ ރައްޔިތަކީ ދިވެހި ލޮޮބުވެތި ރައްޔިތެއް. ކޮންމެ ރައްޔިތަކީ އަޅުނގަޑުމެން ސަރުކާރުގެ ހިދުމަތް ލިބެންޖެހޭ ރައްޔިތެއް. އެއީ އަޅުނގަޑުގެ ވާޖިބެއް. އެކަން އަޅުނގަޑު ކޮށްދޭނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ތަރައްގީ ރައްޔިތުން ބޭނުންވާ ހަލުވި މިނުގައި ކުރިއަށް ނުގޮސް ހުރި ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ބޮޑެތި ކަންތައްތަކެއް ކުރުމަށް ކަނޑައަޅާފައި ވާކަމަށާއި އެ ކަންތައްތައް ހާސިލްކުރަން ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ ކަންތައްތަކެއް ކާމިޔާބު ކުރެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުނގަޑާއި އަޅުނގަޑުގެ ސަރުކާރަށް ތި ހަވާލުކުރެއްވީ ފަސް އަހަރުގެ ދިގު މުއްދަތެއް. 100 ދުވަހުގެ ތެރޭގައި ފަސް މަސް ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ހާސިލްވެގެން ދިއުމަކީ ނާދިރު ކަމެއް. ނަމަވެސް އެކަންތައްތައް ހާސިލްކުރުމަށް ރައްޔިތުންގެ ހިދުމަތުގައި އަޅުނގަޑުމެން އެބަ ތިބީމޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ކޯލިޝަނަށް ރައްޔިތުން އަގްލަބިއްޔަތު ދެއްވީ ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލުތައް ގެނެސްދޭނެ ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންގެ ފަރާތުންނާއި މިފަހަރު ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް ކޯލިޝަންގެ ފަރާތުން އިންތިހާބުވި މެންބަރުންގެ ފަރާތުން ރައްޔިތުންނަށް އަމާނާތްތެރިކަމާ އެކުގައި ހިދުމަތް ކުރާތަން ދައްކަން ބޭނުންވާފުޅު ވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުނގަޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ ލޭންޑްސްކޭޕް ބަދަލުކޮށްލަން. ބޭނުންވަނީ ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި ބަދަލުކޮށްލަން. ބޭނުންވަނީ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން، އަމާންނާތްތެރިކަމާއި އިހްލާސްތެރިކަމާ އެކީގައި މަސައްކަތްކުރާނެ ވެރިންވެސް އެބަތިބި ކަން. ކަށަވަރުކޮށްދޭން ބޭނުންވަނީ ހުރިހާ ސިޔާސީ މީހުންނަކީ މަކަރު ހަދާ ބައެއް ނޫންކަން. ހުރިހާ ސިޔާސީ މީހުންނަކީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ސިކުނޑިތަކަށް ސަވާރުވާ ބައެއް ނޫންކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.