ސްކޫލް ނިންމާ ދަރިވަރުން ވަޒީފާ އަށް އަހުލުވެރިކުރުވުމަށް ފަށާފައިވާ ސްޓޫޑަންޓް އިންޓާންޝިޕް ޕްރޮގްރާމް، "ދަސްވާރު" ގެ ދަށުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި ވަޒީފާއާ ބެހޭ ތަމްރީނު ހޯދުމަށް މަޖީދިއްޔާ ސްކޫލުގެ ހަތަރު ދަރިވަރަކަށް ފުރުސަތު ދީފި އެވެ.

އެމްއޭސީއެލްގެ ރެކްރިއޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލް ގައި އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމަށް ފުރުސަތު ދިން ދަރިވަރުންނަށް ކާޑާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު ބަންދު އިބްރާހީމް ސަލީމް އެވެ.

ދަސްވާރު ޕްރޮގްރާމްގެ ދަށުން މިއަދު މަޖީދިއްޔާ ސްކޫލުގެ ހަތަރު ދަރިވަރަކަށް، އެމްއޭސީއެލް ގައި ވަޒީފާއާއި ބެހޭ ތަމްރީން ހޯދުމުގެ ފުރުސަތު ދީފައިވާއިރު، އޭގެ ތެރެއިން ދެ ކުއްޖަކަށްވަނީ އައިޓީ ޓެކްނިޝިއަން އިން ވަޒީފާއާ ބެހޭ ތަމްރީން ހޯދުމުގެ ފުރުސަތު ދީފަ އެވެ. އަނެއް ދެކުދިން ވަޒީފާ އާއި ބެހޭ ތަމްރީން ހޯދާނީ އޮޓޯމޯޓިވް މެއިންޓެނެންސް އިން ނެވެ.

އެމްއޭސީއެލް އިން ބުނީ އެ ތަނުން އިންޓާންޝިޕް ފުރިހަމަ ކުރުމަށް ފުރުސަތު ލިބުނު ހަތަރު ދަރިވަރުން ވެސް އެ ކުދިން އިންޓާންޝިޕްގައި ހަ މަސް ދުވަހު، ދުވާލަކު ތިން ދުވަހު މަސައްކަތްކުރާނެ ކަމަށެވެ. އަދި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކުވެސް ކުޑަ އެލެވެންސެއް ލިބިގެންދާނެ ކަމަށް އެ ކޮމްޕެނީން މައުލޫމާތު ދެއެވެ.

ވަޒީފާ އާއި ތަމްރީނު ދިނުމުގެ ފުރުސަތުތަކަށް ދަރިވަރުން އަހުލުވެރިކުރުމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ތައާރަފްކުރި އެ ޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ މަޖީދިއްޔާ ސްކޫލުގަ އެވެ. އެގޮތުން އިއްޔެ އެ ސްކޫލުގެ ހަ ދަރިވަރަކަށް ވަނީ ފެނަކަ ކޯޕަރޭޝާންގައި ވަޒީފާއާ ބެހޭ ތަމްރީން ހޯދުމުގެ ފުރުސަތު ވެސް ދީފަ އެވެ.

ރަސްމިއްޔާތަށްފަހު މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ އިސްމާއީލް ސަން އަށް ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރި ކުރުވަނީ، ކިޔެވުމަށް ދަށް ކުދިން ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން އެކުދިން ކިޔެވުމުން ދަށްވެ، ވަޒީފާއެއް ނުލިބުމުން މަގުމަތީގައި ގޭގްތައް ހަދައިގެން އުޅުން މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮގްރާމްގައި ބައިވެރިވި ކުދިންނަކީ ޖީސީއޯ ލެވެލްއިން ފާސް ނުވާނެ ކުދިން. އެއީ އެކުދިންގެ ކިޔެވުމަށް ބަލާފައި. މި ޕްރޮގްރާމްގައި އެކުދިން ބައިވެރި ކުރުވުމުން އެކުދިންނަށް އިތުރު ހުނަރެއް ދަސްވެ، ވަޒީފާއަކަށް ނުކުންނަށް ހުނަރެއް ދަސްވާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮގްރާމް ގައި ބައިވެރިވާ ހަފްތާއަކު ދެ ދުވަހު ސްކޫލަށް އައިސް އަނެއް ތިން ދުވަހު މަސައްކަތަށް ނުކުންނާނެ ކަމަށެވެ. އަދި ސްކޫލަށް އައިސް އެ ކުދިން އިސްލާމާއި ދިވެހީގެ އިތުރުން ހިސާބް އަދި އިނގިރޭސި ކިޔަވާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.