ރާއްޖޭގެ ސްކޫލުތަކުގައި ލައިފް ސްކިލްސް ޕްރޮގްރާމްތައް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ލަނޑުދަޑީގެ ދަށުން މާލޭގެ ސްކޫލްތަކަށް ބޭނުންވާ ލައިފް ސްކިލްސް ފަސިލިޓޭޓަރުން ތަމްރީން ކުރުމަށް ބޭއްވި ފުރަތަމަ ތަމްރީން ޕްރޮގްރާމް ނިންމާލައިފި އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި މިއަހަރު ލައިފް ސްކިލްސް ޕްރޮގްރާމްތައް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ރާއްޖޭގެ 72 ސްކޫލެއްގައި އެ ޕްރޮގްރާމް ހިންގުމަށްވަނީ ހަމަޖެހިފަ އެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ދަށުން މިދިޔަ މަހުގެ 23 އިން 10 ދުވަހުގެ މުއްދަތަށް، މާލޭގެ ސްކޫލްތަކަށް އަމާޒްކޮށްގެން ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގްރާމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި މާލޭގެ ފަސް ސްކޫލަކުން، ޖުމްލަ 19 ފަރާތަކުން ބައިވެރިވި އެވެ.

ލައިފް ސްކިލްސް އާއި ގުޅޭ ނުވަތަ ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ އެ ޕްރޮގްރާމް ނިންމުމަށް މިއަދު އެންއައިއީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ގެ ނައިބު ޑރ. އަހުމަދު ރިޔާޒު އެވެ.

އެންއައިއީން ބުނީ މާލޭގެ ސްކޫލްތަކަށް އަމާޒްކޮށްގެން ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީން ކުރުމަށް މާލޭގައި ޕްރޮގްރާމެއް ހިންގި ނަމަވެސް، އަތޮޅު ތެރޭގެ ސްކޫލްތަކަށްވެސް ހާއްސަ ފެސިލިޓޭޓަރުން ތަމްރީން ކުރުމަށް ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.