03 Apr 2014, 22:14
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ހުސައިން ޝާހިދު އިސްތިއުފާ ދެއްވައިފި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވި ކަން ޝާހިދު ވަނީ ސަންއަށް ކަށަވަރުކޮށްދެއްވާފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވި އެވެ.
"ޖެނަރަލް ސެކަރެޓަރީގެ މަގާމުން އިސްތިއުފާދީފިން. މިވަގުތު ބުނެލަން ބޭނުންވަނީ އެވަރަށް،" ޝާހިދު ވިދާޅުވި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުން ޝާހިދު އިސްތިއުފާދެއްވިއިރު، ދާދީ ފަހުން އެފްއޭއެމްގެ އިސްވެރިންނާ ޝާހިދާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުޅޭކަން ވަނީ އެނގިފައެވެ. އަދި އެ މައްސަލާގައި ޝާހިދު މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު އެފްއޭއެމުންގެ ރައީސް އިލްހާމް އަހުމަދު ޝާހިދުއަށް ދީފައިވާކަން ވެސް ވަނީ އެނގިފަ އެވެ.
އެފްއޭއެމްގެ އޮފިޝަލަކު ސަންއަށް ވިދާޅުވީ ޖެނެރަލް ސެކެރެޓަރީގެ މަގާމުން ޝާހިދު އިސްތިއުފާދެއްވިކަން ރަސްމީކޮށް އަންގާފައި ނެތް ކަމަށެވެ.
ޝާހިދު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާ ހަވާލުވެފައި ވަނީ އެ މަގާމްގައި ކުރިން ހުރި މުހައްމަދު ހާނިމް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އިސްތިއުފާދިނުމުންނެވެ.