03 Apr 2014, 21:56
އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕް 2014 ޕްރޮމޯޓް ކުރުމުގެ ގޮތުން ރާއްޖެ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ޕާސްޕޯޓުތަކުގައި ޗެލެންޖް ކަޕް ރަމްޒުކޮށްދޭ ތައްގަނޑެއް، އިމިގްރޭޝަނުން ޖަހަން ފަށައިފި އެވެ.
އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، އަންނަ މަހުގެ 19 އިން 30 އަށް ކުރިއަށްދާ ޗެލެންޖް ކަޕް ޕްރޮމޯޓް ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއްގެ ގޮތުގައި، މިމަހު އެކަކުން ފެށިގެން ރާއްޖެ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ޕާސްޕޯޓުތަކުގައި ޗެލެންޖް ކަޕް ރަމްޒުކޮށްދޭ ތައްގަނޑު ޖަހަން ފަށާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، މި ހަރަކާތް އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށާއި ރާއްޖެ އަންނަ ފަސިންޖަރުންގެ ޕާސްޕޯޓުތަކުގައި ޖަހާ ތައްގަނޑު ފަރުމާކުރެވިފައި ވަނީ މުބާރާތުގެ ލޯގޯ އާއި މުބާރާތް ބޭއްވޭ ތާރީހު އަންގުވައިދޭ ގޮތަށް ކަމަށެވެ.
"މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، ރާއްޖެއަށް އަންނަ ފަރާތްތަކާއި ދިވެހިން މި މުބާރާތާއި މެދު ހޭލުންތެރި ކުރުވައި، ފޯރިގަދަ އަދި ކާމިޔާބު މުބާރާތެއްގެ ގޮތުގައި އޭއެފްސީ ޗެލެންޖް ކަޕް 2014 ހެދުމުގެ ގޮތުންނެވެ." އިމިގްރޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
މުބާރާތް ހުޅުވާ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާ އިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި އަންނަ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
މިފަހަރުގެ މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2012 ވަނަ އަހަރުގެ ޗެލެންޖް ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސްތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ. މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު، އެ ގްރޫޕްގައި ހިމެނެނީ ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތަކީ ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތް އެންމެ ފުރަތަމަ 2006 ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008 ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.