03 Apr 2014, 18:29
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ "މޯލްޑިވްސް މީޑިއާ ކައުންސިލް ޖާނަލިޒަމް އެވޯޑް 2013" އަށް ނަން ހުށަހެޅުމުގެ ފުރުސަތު އެ ކައުންސިލުން މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ.
އެމްއެމްސީ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި އެވޯޑް ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ، ނޫސް މަޖައްލާއާއި އޮންލައިން ނޫސް، ޓީވީ އަދި ރޭޑިއޯ މި ތިން ދާއިރާ ކަމަށެވެ.
"މި އެވޯޑަށް އެދޭ ނޫސްވެރިންނަށާއި، މީޑީއާ އިދާރާތަކާއި، އެވޯޑަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ އާންމު ފަރާތްތަކަށާއި، ކުންފުނި ޖަމިއްޔާ ޖަމާއަތްފަދަ ތަންތަނުންވެސް ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ." އިއުލާނުގައި ވެއެވެ.
މީޑިއާ ކައުންސިލުން ބުނީ، އެވޯޑަށް ނަން ހުށަހަޅާއިރު "އެވޯޑަށް ހުށަހެޅޭ ފަރާތުގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރާއި، އެވޯޑް ދިނުމަށް ހުށަހަޅާ ދާއިރާއާއި، އަދި ދޭން ފެންނަ ސަބަބުތައް ބަޔާންކޮށް އެކަމަށް ހެކިދޭ ވީޑިއޯ، އޯޑިއޯ އަދި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ،" ކަމަށެވެ.
އެވޯޑަށްއެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު ފަހު 3:00ގެ ކުރިން މައުލޫމާތު ފުރިހަމަ ކޮށްފައިވާ ސިޓީއަކާއެކު އެ ކައުންސިލަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭއިރު، އެ އިއުލާނުގައި ބުނެފައިވަނީ، އެވޯޑަށް އެދި ހުށަހަޅާ ނަންތަކަށް ޕޮއިންޓު ދިނުމުގައި ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑު ހިފަހައްޓާފައިވާ މިންވަރާއި މުޖުތަމައުގެ ފައިދާއަށް މަސައްކަތް ކޮށްފައިވާ މިންވަރާއި، ހުށަހެޅުމުގެ ފެންވަރާއި ނޫސްވެރި ކަމުގައި ހޭދަކުރި މުއްދަތު ފަދަ ކަންކަމަށް ބެލެވޭނެ ކަމަށެވެ.