އިސްލާމް އާބާދު (އެޕްރީލް 03) : ޕާކިސްތާނުގެ ކުރީގެ ރައީސް އަދި ޢަސްކަރީ ވެރިޔާ ޖެނެރަލް ޕަރްވޭޒް މުޝައްރަފް އަވަހާރަކޮށްލުމަށް މިއަދު ދިން ބޮމުގެ ޙަމަލާއަކުން އޭނާ ސަލާމަތްވެ ވަޑައިގެންފިކަމަށް ޕާކިސްތާން ފުލުހުން ބުނެފި އެވެ.

ޕާކިސްތާން ފުލުހުންގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ މުޝައްރަފް އަވަހާރަކޮށްލަން ބަޔަކު މަސައްކަތް ކޮށްފައި ވަނީ ހިތްޕުޅުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް އާދަކޮށް އޭނާ ހޮސްޕިޓަލަށް ވަޑައިގަންނަވާ މަގުގައި ބާރުގަދަ ބޮމެއް ގޮއްވާލައިގެން ކަމުގަ އެވެ. އެ ބޮން ގޮއްވާލާފައި ވަނީ މުޝައްރަފުގެ ކާރުކޮޅު އެތަނުން ހުރަސްކުރުމުގެ ކުރިންކަން ނޫނީ އޭގެ ފަހުންކަން ސާފުވެފައެއް ނުވެ އެވެ. ގޮއްވާލި ބޮން ބާއްވާފައި އޮތީ މުޝައްރަފް ހޮސްޕިޓަލަށް ވަޑައިގަންނަވާ މަގުގައިވާ ފާއިޒް އާބާދު ބްރިޖްގެ ދަށުގައި ހުރިއެއްޗެހި ތަކެއްގެ ތެރެއަށްލައި ފޮރުވާފައި ކަމަށާ އެބޮން ގޮއްވާލިވަގުތު މުޝައްރަފުގެ ކާރުކޮޅު އެތަނުން ހުރަސްކުރި ނަމަ އޭނާ އަވަހާރަވުން ނޫނީ ފުރާނަ އަށް ގެއްލުންވާވަރުގެ ޒަޚަމްތަކެއް ލިބުމަކީ އެކަށީގެންވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މުޝައްރަފަށް އަމާޒުކޮށް ގޮއްވާލުމަށް ތައްޔާރުކޮށްފައިވާ ބޮންގޮއްވާލުމުގެ ހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބޭކަމަށް ޚަބަރުތައް ބުނެއެވެ.

އުމުރުން 70 އަހަރުގެ މުޝައްރަފުގެ މައްޗަށް ޕާކިސްތާނުގެ ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އޭނާގެ ވެރިކަމުގައި ދެ ފަހަރެއްގެ މަތިން ޕާކިސްތާނުގެ ގާނޫނު އަސާސީއާޚިލާފުވެފައިވުމާއި ގައުމަށް ޚިޔާނާތްތެރިވި ކަމުގެ ދައްވާ ހިމެނެ އެވެ. މީގެ އިތުރުން ޕާލަމެންޓްގެ މެންބަރަކު މެރުމުގެ ޖަރީމާގައި މުޝައްރަފުގެ އަތެއް ވާކަމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ އުފުލާފަ އެވެ. މިދައުވާތައް ސާބިތުވެއްޖެ ނަމަ މުޝައްރަފުގެ މައްޗަށްމަރުގެ ހުކުމެއް އަންނާނެ ކަމަށް ގާނޫނީ ތަޖްރިބާކާރުން ލަފާކުރެ އެވެ. މުޝައްރަފް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު އަލްގާއިދާއިންނާއި ޕާކިސްތާނުގެ ހަރުކަށި ޖަމާއަތެއް ކަމަށްވާ ތާލިބާނުން ދީފައިވީ ނަމަވެސް އޭނާ އަވަހާރަކޮށްލުމަށް މިއަދު ދިން ބޮމުގެ ޙަމަލާގެ ފަހަތުގައި ވަނީ ކޮން ބައެއްކަން އަދި އެނގިފައެއް ނުވެ އެވެ. (ރޮއިޓާސް)