03 Apr 2014, 15:59
ޓެކްސަސް (އެޕްރީލް 03) : އެމެރިކާގެ ޓެކްސަސްގައި ހުންނަ ފޯޓްހުޑް ޢަސްކަރީ ބޭހުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ ސިފައިންގެ މީހަކު ފިސްތޯލައިން ދިން ޙަމަލާތަކެއްގައި އެމެރިކާ ސިފައިންގެ ތިން މީހުން މަރުވެ އިތުރު 16 މީހުން ޒަޚަމްވެއްޖެވެ.
ފޯޓްހުޑް ޢަސްކަރީ ބޭހުގެ ތަރްޖަމާނެއް ކަމަށްވާ މާކްމެލީ ވިދާޅުވީ މިއީ ޓެރަރިސްޓް ޙަމަލާއެއްކަން ނުވަތަ ނޫންކަން އަދި ބުނަން ނޭންގޭ ކަމަށާ ޙަމަލާދިން މީހާ އަމިއްލަގަޔަށް ފިސްތޯލައިން ޙަމަލާދީ މަރުވެފައިވާ ކަމުގައެވެ. މިމީހާއަކީ އިރާގު ހަނގުރާމައިގާ ބައިވެރިވުމުގެ ސަބަބުން ނަފްސާނީ މައްސަލަތަކެއް އުޅޭ މީހެއް ކަމަށް ވެސް މެލީ ވިދާޅުވި އެވެ.
ފޯޓްހުޑް ޢަސްކަރީ ބޭހުގައި މީގެ ހަތަރު އަހަރު ކުރިން ވެސް މިފަދަ ޙަމަލާއެއްދީ އެމެރިކާ ސިފައިންގެ 13 މީހަކު މަރާލައި އެތަށްބަޔަކު ޒަޚަމްކޮށްލާފައި ވެ އެވެ. ދެ ހާސް ނުވަ ވަނަ އަހަރު ހިނގި އެ ހާދިސާގައި ބަޑިޖަހާފައި ވަނީ އެމެރިކާ ސިފައިންގެ ނަފްސާނީ ޑޮކްޓަރެއްގެ މަގާމުގައި ހުރި އުރުދުން ދަރިކޮޅުގެ މީހެއްކަމަށްވާ ނިޟާލް ހަސަން އެވެ. އޭނާ މެރުމަށް މިދިޔަ އޮގަސްޓް މަހު އެމެރިކާގެ އަސްކަރީކޯޓަކުންވަނީ ހުކުމްކޮށްފަ އެވެ.
ފޯޓްހުޑް ޢަސްކަރީ ބޭހުގައި މިއަދު ހަމަލާތައް ދިނީ އުމުރުން 34 އަހަރުގެ އިވާން ލޮޕޭޒް ނަމަކަށް ކިޔާ ސިފައިންގެ މީހެއްކަމަށް ރިޕޯޓްތައް ބުނެ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މިހާދިސާއާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހެގްލް ވަނީ މިހާދިސާ ތަހްގީގްކުރަމުން ގެންދާކަން ހާމަކުރައްވާފަ އެވެ. (ރޮއިޓާސް)