ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް ފަދަ ދަތި ހާލުގައި ހިންގާ ޝަރުއީ ނިޒާމެއް އެހެން ގައުމެއްގައި ނޯންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ޑްރަގް ކޯޓުގެ ދެ ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފައިސާ އާއި ވަސީލަތްތަކާއި ފަނޑިޔާރުން ވެސް ޖުޑިޝަރީއަށް ބޭނުންވާ ކަމަށާއި ނަމަވެސް އެކަންތައް ދައުލަތުން ފޯރުކޮށްނުދެވޭ ކަމަށެވެ.

"އަޅުގަނޑުމެން ކޯޓުތައް ހިންގަނީ ކޯޓުތަކަށް ބޭނުންވާ ފުރިހަމަ ހިދުމަތާއި ވަސީލަތްތައް ލިބިގެނެއް ނޫން. އަޅުގަނޑު ހިތުން ރާއްޖޭގެ ޝަރުއީ ނިޒާމް މި ހިންގަނީ ދުނިޔޭގެ އެހެނިހެން ޝަރުއީ ނިޒާމަށް ވުރެ ދަތި ހާލުގައި. މިފަދަ ދަތި ހާލުގައި ހިންގާ ޝަރުއީ ނިޒާމެއް ދިވެހިރާއްޖެ ފިޔަވައި އެހެން ގައުމަކު އޮންނާނެއެކޭ އަޅުގަނޑު ހިތަކަށް ނާރާ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

ސަރުކާރުން ގެންގުޅޭ ފައިނޭންޝަލް ކޮންޓްރޯލް ނިޒާމަކީ ރަނގަޅު އުސޫލެއް ނޫން ކަމަށާއި މިހާރު ޕްރިންޓަރެއްގެ ކާޓްރިޖު ހުސްވިޔަސް ޖެހެނީ ފައިނޭންސް މިނިސްޓްރީއަށް ލިޔަން ކަމަށް ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ހަރަދު ކުރުމުގެ މިނިވަންކަން ޖުޑިޝަރީއަށް ލިބެންޖެހޭ ކަމަށެވެ.

"މިނިވަންކަމާއެކު ހުކުމް ކުރެވޭ، މިނިވަންކަމާއެކު ޖުޑިޝަރީ ހިންގޭ. އެހެން ނަމަވެސް ޖުޑިޝަރީއަކީ ފައިސާ ހަރަދު ކުރުމުގެ ގޮތުން މިނިވަން ތަނެއް ނޫން. އެއިރަކު އޮންނަ ސަރުކާރަކުން ބޭނުންވެއްޖެ ހިނދެއްގައި މި ފައިސާ ހިފަހައްޓާލައިފި ކަމަށްވަންޏާ އަޅުގަނޑުމެން މި ތިބީ ހިތްދަތި ހާލެއްގައި މި ކޯޓުތައް ހިންގަން. ވެއަތުވެދިޔަ އަހަރު އަޅުގަނޑުމެން އެކަން ދުށިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ބަޖެޓު ނުލިބިގެން ރާއްޖެއިން ބޭރަށް ކުރަންޖެހިވަޑައިގެންނެވި މުހިންމު އެއް ދަތުރުފުޅެއް ކެންސަލް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށާއި ބޫޓާނުގައި ސާކުގެ ގައުމުތަކުގެ އުއްތަމަ ފަނޑިޔާރުންގެ ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ބޫޓާނު ސަރުކާރުގެ ހާއްސަ އިނާޔަތެއްގެ ދަށުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އަދުލް އިންސާފު ފުރިހަމަކޮށް ގާއިމް ކުރެވޭނީ ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސް ކުރެވިގެން ކަމަށާއި ނަމަވެސް މައްސަލަތައް އަވަސް ކުރެވޭނީ ބޭނުންވާ ވަސީލަތްތަކާއި ފައިސާ ވެސް ލިބިގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"ކޯޓުތަކުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ މައްޗަށް ވާޖިބުކޮށްފައިވާ އަދުލް އިންސާފު ގާއިމް ކުރުމުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށްވާއިރު މި މަގްސަދު ހާސިލް ކުރެވޭނީ ކޯޓުތަކުގައި ހުރި މައްސަލަތައް ވެސް އަވަސް ކުރެވިގެން. އެހެންނަމަވެސް ކޯޓުތަކުގައި ހުރި މައްސަލަތައް ވެސް އަވަސް ކުރެވޭނީ ބޭނުންވާ ވަސީލަތްތަކާއި ފައިސާގެ ދަތިކަން ވެސް ހައްލު ކުރެވިގެން،" އެމަނިކުފާނު ވިދާޅުވި އެވެ. "ޖުޑިޝަރީއަށް ބޭނުންވާ ބަޖެޓާއި ވަސީލަތްތަކާއި ޖާގަ ލިބިގެން ނޫނީ ކޯޓުތަކުގައި މި ހުރި މައްސަލަތައް އަވަސް ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތް."

ޖާގައިގެ ދަތިކަމުގެ ސަބަބުން ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ވަރަށް ނުރައްކާތެރި މާހައުލެއްގައި ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.


"ކޯޓުތަކުގެ މިއަދުގެ ހާލަތަކީ ނުރައްކާތެރި ބޮޑެތި ކުށްވެރިންގެ ޝަރީއަތް ކުރައްވަން އިންނަވާ ފަނޑިޔާރު އެފަދަ މީހުންގެ ޝަރީއަތް ކުރައްވަން އިންނަވަނީ އެމީހުންގެ ކުރިމަތީގައި، ބޮޑެތި ތުހުމަތުތަކުގައި ހާޒިރު ކުރެވޭ ކުށްވެރިން ފައި ހޫރާލައިފި ނަމަ ފަނޑިޔާރުގެ ގައި ކޮޅުގައި ފައި ޖެހޭ ހިސާބުގައި ތިއްބަވައިގެން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.