އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދާނެ ގޮތްތަކާ މެދު އާއްމުންގެ ހިޔާލު ހޯދުމަށް އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

އެޕްޑީޕީ ކުރިމަގު ބައްޓަން ކުރުމަށާއި ހިންގުން ހަރުދަނާ ކުރުމަށް ޚިޔާލު ހޯދުމަށް އެ ޕާޓީން ހުޅުވާލާފައި މިވަނީ މި މަހުގެ އެއް ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުން އެކަން އެ ގޮތަށް ކުރުމަށް ގަރާރަކުން ފާސްކޮށްފައި ވާތީ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާންމުގެ ހިޔާލު ހޯދައި ދިރާސާ ކުރުމަށް އެކުލަވާލި ތިން މެންބަރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އަލީ ނިޔާޒު ވިދާޅުވީ އެމްޑީޕީ ހަރުދަނާ ކުރުމަށާއި އަދި ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަން ބޭނުންވާ ބަދަލުތައް ހިޔާލުތަކެއްގެ ގޮތުގައި ހުށަހެޅޭނެ ކަމަށެވެ. އަދި ވިދާޅުވީ ހުށަހަޅާ ހިޔާލުތަކުގެ މައްޗަށް ރިޕޯޓެއް ތައްޔާރު ކުރުމަށް ފަހު ގައުމީ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ކޮންގްރެސް ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައި ވާތީ ޕާޓީން އިސްލާހު ކުރަންވީ ކަންކަން އޭގެ ކުރިން ވެސް އިސްލާހުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެެވެ. ނަމަވެސް ބައެއް ކަހަލަ އިސްލާހުތަކަކީ ޕާޓީގެ އަސާސީ ގަވައިދު އިސްލާހު ކޮށްގެން ނޫނީ ރަނގަޅު ނުކުރެވޭނެ ކަންކަން ކަމަށް ވާތީ އެކަންކަން އިސްލާހުކުރެވޭނީ ކޮންގްރެސް ތެރޭގައި އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅައިގެން ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.

"މިސާލަކަށް ޕާޓީގެ ރައީސް އާއި ޗެއާޕާސަންގެ މަގާމުގެ އަރާރުމަކީ ގިނަ ބަޔަކު ފާހަގަކުރާ މައްސަލައެއް. މިމަގާމުތަކުގެ އަރާރުންތައް ހައްލުކުރެ ވޭނީ އަސާސީ ގަވައިދަށް އިސްލާހު ގެނެސްގެން. މިހެން އެބަހުރި ބައެއް ކަންކަން އަސާސީ ގަވައިދަށް އިސްލާހު ގެނެސްގެން ނޫނީ އިސްލާހު ނުކުރެވޭނެ ކަންކަން،" ނިޔާޒު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މެންބަރު އައިމިނަތު ޝައުނާ ވިދާޅުވީ، ހުށަހަޅާ އެއްވެސް ހިޔާލެއް ސެންސަރު ނުކުރާނެ ކަމަށާއި އޭގެ ތެރެއަށް ކޮމިޓީގެ މެންބަރުންގެ ހިޔާލު ވެސް އިތުރު ނުކުރާނެ ކަމަށެވެ. އަދި ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ މުއްދަތު ހަމަވުމުން ރިޕޯޓެއްގެ ސިފާގައި އެ މައުލޫމާތު ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

އެޕްޑީޕީ ކުރިމަގު ބައްޓަން ކުރުމަށާއި ހިންގުން ހަރުދަނާ ކުރުމަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު ފެށިގެން ދެ ހަފްތާގެ މުއްދަތަށެވެ.