ޅ. ފެލިވަރު ކައިރިން ދަތުރަމުން ދިޔަ ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކު މަރުވެއްޖެ އެވެ.

މިއަދު މެންދުރު 12:37 ހާއިރު ހިނގި އެ ހާދިސާގައި ކަނޑަށް ވެއްޓިގެން، މަރުވެފައި ވަނީ ކ. ކާށިދޫ ޗަނބޭލިގޭ އުމުރުން 35 އަހަރުގެ އަހްމަދު ޝަފީގް އެވެ.

ޅ. އަތޮޅު ހޮސްޕިޓަލު މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުލް ވާހިދު މުހައްމަދު ސަން އަށް މިއަދު ވިދާޅުވީ، އޭނާ ހޮސްޕިޓަލަށް ގެނެސްފައި ވަނީ މިއަދު މެންދުރު 1:10 ކަންހާއިރު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

"ޑޮކްޓަރުން ވިދާޅު ވަނީ އޭނާ ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށް. އަދި އޭނާ މަރުވެފައި ވަނީ ގެނބިގެން ކަމަށް. މިހާރު އޭނާގެ ހަށިގަނޑު އެމްއެންޑީއެފް އާއި ފުލުހުންނާއި އަދި އޭނާގެ އާއިލާއާއި ގުޅިގެން ކ. ކާށިދޫއަށް ގެންދިއުމުގެ މަސައްކަތް އެބަކުރައްވާ،" ވާހިދު ވިދާޅުވި އެވެ.

މޫދަށް ވެއްޓިފައި އޮއްވައި ޝަފީގު ނެގުމަށްފަހު އޭނާ ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ނެވެ.

އެމްއެންޑީއެފް އިން ބުނީ ޝަފީގް ކަނޑަަށް ވެއްޓިފައިވަނީ ކ. ކާށިދޫ އިން ފުރައިގެން ޅ. ހިންނަވަރަށް ދަތުރު ކުރަމުންދިޔަ "ވައިހިޔާ" ނަމަކަށް ކިޔާ ދޯންޏެއްގައި ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އޭނާ މޫދުން ނެގި އިރު އޮތީ ހޭނެތިފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.