03 Apr 2014, 14:44
"ޓޮޕް އެޗީވާސް އެވޯޑް" އޯގަނައިޒް ކުރުމާއި މެނޭޖް ކުރުމުގެ އެއްބަސްވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީއާ އެކު އެސްޓީއޯ އިން ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ އާދަމް އާޒިމެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝިހާމް ވިދާޅުވީ ތައުލީމީ ގޮތުން މަތީ ވަނަ ހާސިލު ކުރާ ކުދިންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވެފައިވާ ކަމަށެވެ. އަދި އެ ކުދިންނާ އެ ކުދިންގެ ބެލެނެވެރިންނާ ސްކޫލްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަ ކުރުމަށް ބާއްވާ ހަފްލާ ކުރިއަށް ގެންދިއުމަށް ބޮޑު އެހީތެރިކަމެއް އަބަދު ވެސް އެސްޓީއޯގެ ފަރާތުން ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް ފަސް އަހަރަށް ޓޮޕް އެޗީވާސް އެވޯޑް އޯގަނައިޒް ކުރުމާއި މެނޭޖް ކުރުމަށް އެސްޓީއޯގެ ފަރާތުންވި އެއްބަސްވުމާ ގުޅޭ ގޮތުން އެމްޑީ އާޒިމް ވިދާޅުވީ އެފަދަ ފުރުސަތެއް އެ ކުންފުންޏަށް ލިބިގެންދިއުމަކީ ރާއްޖޭގައި ކިޔަވާ ކުދިންނަށް ހިދުމަތެއް ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
އާޒިމް ވިދާޅުވީ ގައުމެއް ތަރައްގީ ކުރުމަށް ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ ކިޔަވައިގެން ތިބި ޖީލެއް ތައްޔާރު ކުރުން ކަމަށެވެ.