ރާއްޖޭގެ ބާޒާރުގައި ވިއްކާ ކަނޑުމަހުގެ ބާވަތްތަކުގެ ތެރެއިން މަސް ޓަނަކުން 500ރ. އަގު ބޮޑުކޮށްފައި ވާކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅުކުރުމަށްޓަކައި ފިޝަރީޒް ޕްރޮމޯޝަން ބޯޑުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ރާއްޖޭގައި ބާނާ މަހުގެ އަގު ވަރަށްބޮޑަށް ދަށްވެފައި ވާކަމަށެވެ. އަދި މަސްވެރިންގެ ފަރާތުން އެކަމުގެ ޝަކުވާ ތައްވެސް މިނިސްޓްރީއަށް ހުށައަޅަމުން ގެންދާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މަސްވެރިން ބާނާ މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ކަމާބެހޭ ކުންފުނިތަކާއެކު ބޯޑުގެ ބައްދަލުވުމެއް ބާއްވައި، މަސް ކިލޯއަކުން 50 ލާރި ބޮޑުކުރަން ނިންމެވީ ކަމަށެވެ.

"ދުވަސްކޮޅެއް ވެއްޖެ އަޅުގަނޑުމެންގެ ކުންފުނި ތަކަށްވެސް މަސް ނުލިބޭތާ. އެހެންވީމަ މަހުގެ އަގު ކޮންމެސްވަރަކަށް ސްޓޭބަލް މިވަނީ. އެއްގޮތަކަށްވެސް މަހުގެ އަގު ބޭރު މާކެޓްގައި މައްޗަށް ދިޔައީކީއެއް ނޫން. އެހެންވެ މަސްވެރިންނަށް ހިތްވަރު ދިނުމަށް ކުންފުނިތަކާ މަޝްވަރާ ކޮށްލުމަށްފަހު މިވަނީ މަހުގެ އަގަށް ބަދަލެއް ގެންނަން ނިންމާފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ޝައިނީ ވިދާޅުވީ، ބޭރުގެ ބައިނަލްއަގްވާމީ ފަރާތަކުން ރާއްޖޭގެ މަހުގެ މާކެޓް އިތުރުކުރުމަށް ރާއްޖޭގައި ފޯރަމެއް ބޭއްވުމަށް ހުށައަޅާފައި ވާކަމަށެވެ. އެގޮތުން ފިޝަރީޒް ޕްރޮމޯޝަން ބޯޑުގައި މަޝްވަރާ ކުރުމަށްފަހު އެ ފޯރަމް ބޭއްވުމަށް ނިންމަވާފައި ވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ މަސްވެރިކަމާބެހޭ ފޯރަމްގައި އިޓަލީފަދަ ގައުމު ތަކުގެ ރީޓެއިލާސް އިން ބައިވެރިވާނެ ކަމަށެވެ. އަދި މާކެޓް ރަނގަޅު ކުރުމަށް އެ ބޭފުޅުންނާ މަޝްވަރާކުރައްވާނޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި މަސްވެރިކަމާ ބެހޭގޮތުން ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ވެސް ފިޝަރީޒް މިނިސްޓަރު ވިދާޅުވި އެވެ.