މަސްވެރިކަން ރަނގަޅު ކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅާފައި ހުރި ކަނދުފަތި ތަކުގެ ތެރެއިން 12 ކަނދުފައްޗެއް އާކުރުމުގެ މަސައްކަތް ފަށައި އެ މަސައްކަތް ކުރަމުން ދާކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދި ޝައިނީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މަސްވެރިކަން ރަނގަޅުކުރުމަށްޓަކައި ފިޝަރީޒް ޕްރޮމޯޝަން ބޯޑުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހުރި ބައެއް ކަނދުފަތިތަށް ހަލާކުވެފައި އަދި އަނެއްބައި ކަނދުފަތިތައް ބަދަލުކުރަން ޖެހިފައި ހުރުމުން މަސްވެރިކަމަށް އޭގެ ނުރަނގަޅު އަސަރު ކުރަމުންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ވަރަށްގިނަ ހިސާބުތަކެއްގެ ކަނދުފަތިތަށް ހަލާކުވެފައި ވާކަމަށެވެ. އަދި އެތަކެތި ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަގުތުން ފެށި ކަމަށާއި ނަމަވެސް ބޭނުންވާ ތަކެއްޗަށް އޯޑަރު ކޮށްގެން އެތަކެތި ރާއްޖެ ލިބުން ލަސްވުމުން އެ މަސައްކަތަށް ކުޑަވަރެއްގެ މަޑުޖެހުމެއް ލިބުނު ކަމަށެވެ. ނަމަވެސް މިހާރު އެތަކެތި ލިބިފައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކަނދުފަތިތަށް އާކުރުމަށްޓަކައި ރާއްޖޭގެ ކަނޑުގެ ވަރަށްބޮޑު ސަރަހައްދަކަށް ދުއްވަން ޖެހޭއިރު، ރާއްޖޭގައި އާންމުކޮށް ގެންގުޅޭ ދޯނިފަހަރުގައި އުފުލެނީ ގިނަވެގެން ހަތަރު ކަނދުފަތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ދެކުނުގެ އަތޮޅުތަކުގައި އެ އަދަދު ހަތަރަކަށް ވުރެ އިތުރުވުމުން އެކަންކުރަން ބޯޓެއް ބޭނުންވެފައި ވާކަމަށާއި އެ މަސައްކަތް ކުރުމަށް މިހާރު ކޫއްޑޫގެ ބޯޓެއް ފިޝަރީޒް މިނިސްޓްރީއަށް ދީފައި ވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ކޫއްޑޫގެ ފަރާތުން ލިބުނު ބޯޓުގެ އެހީއާއެކު އަންނަ ހަފްތާތެރޭގައި ދެކުނުގެ ހުރިހާ ކަނދުފަތިތަށް އެޅުމަށް ދަތުރު ފަށާނެކަމަށާއި އުތުރުގެ ހަތަރު ކަނދުފައްޗެއް މިހާރު އަޅާ ނިމިފައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން މަސްވެރިކަމަށް އެކަށީގެންވާ ބަދަލެއް ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.