03 Apr 2014, 14:16
ވިލާ އެއާއިން އޮޕަރޭޓްކުރަމުންދާ ފްލައިމީ އިން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ފުރަތަމަ ސީޕްލޭން މިމަހުގެ ތެރޭގައި ގެންނާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
ފްލައިމީ އިން ބުނީ މިމަހު 20 ހާތާނގައި ރާއްޖެ ގެންނަ ސީޕްލޭނަކީ އެއްގަމާއި ކަނޑަށް ޖައްސާ ގޮތަށް ފަރުމާކޮށްފައިވާ، Cessna C208 މަރުކާގެ އުޅަދެއް ކަމަށާއި އެ ބޯޓުގައި ދެ ޕައިލެޓުންނާއި ކެބިން ކުރޫއެއްގެ އިތުރުން ހަތް ފަސިންޖަރުންގެ ޖާގަ ލިބޭނެ ކަމަށެވެ.
ފްލައިމީ އިން ބުނީ އަލަށް ގެންނަ ސީޕްލޭން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެކިތަންތަން ބަލައިލުމަށް ދިއުމަށް ނަމަވެސް ބޯޓަށް ލިބޭ ތަރުހީބަށް ބެލުމަށްފަހު، ބޯޓުގެ ދަތުރުތައް ރާއްޖޭގެ އެކި ރިސޯޓްތަކަށް ކުރާނެ ކަމަށެވެ. އަދި މިމަހު ރާއްޖެ ގެންނަ ސީޕްލޭންގެ އިތުރު ބޯޓުތައް މުސްތަގްބަލުގައި ރާއްޖެ ގެންނާނެ ކަމަށްވެސް ފްލައިމީ އިން ބުންޏެވެ.
"ރިސޯޓްތަކަށް ހާއްސަކުރެވިގެން މި ސީޕްލޭން ގެނެވުނު ކަމުގައި ވީނަމަވެސް މި ބޯޓުން ދިވެހިންނަށް ވެސް ފޮޓޯފްލައިޓް އެޅުމުގެ ފުރުސަތު އޮންނާނެ،" ރާއްޖޭގެ ނުވަ އެއާޕޯޓަކަށް މިހާރުވެސް ދަތުރުތައް ކުރަމުން އަންނަ އެއާލައިނުން ބުންޏެވެ.
މީގެ ދެއަހަރެއް ކުރިން ރާއްޖޭގައި ވައިގެ ދަތުރުތައް ފެށި ވިލާ އެއާގެ ފްލައިމީގައި މިހާރުވެސް 46 މީހުންގެ ޖާގައިގެ ދެ މަތިންދާ ބޯޓާއި 66 މީހުންގެ ޖާގައިގެ ދެ މަތިންދާބޯޓު އޮވެ އެވެ.