03 Apr 2014, 13:43
ސާނަވީ ގްރޭޑްތަކަށް އިސްލާމް ކިޔަވައިދޭނެ ޓީޗަރެއް ނެތްތާ ތިން މަސް ދުވަސްވެފައިވާތީ ގއ. ދާންދޫ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުން މުޒާހަރާ ކުރަންފަށައިފި އެވެ.
ސަންއާ ވާހަކަދައްކަމުން ދާންދޫ ސްކޫލްގެ ބެލެނިވެރިޔަކު ބުނީ ޓީޗަރެއް ހަމަޖައްސައިދިނުމަށް ތަކުރާރުކޮށް ސްކޫލް އިދާރާގައި އެދުމުން އެކަން ކޮށްފައިނުވާތީ މިއަދު މުޒާހާރާ ކުރަން ނިންމީ ކަމަށެވެ.
"ސްކޫލް ފެށިގެން މިހާރު ތިން މަސް މިވީ، އަދިވެސް އިސްލާމް ޓީޗަރެއް ނުލިބޭ. ސްކޫލްގައި އެތައްފަހަރަކު އެދުނިން ޓީޗަރެއް ހޯދަދޭން. ބުނީމަ ސްކޫލުން ބުނަނީ އެޑިއުކޭޝަނުން ބުންޏޭ ރާއްޖޭގައި އިސްލާމް ޓީޗަރުން މަދުވީމައޭ ޓީޗަރެއް ނުލިބިގެން މިއުޅެނީ. އެކަމަކު މި އަތޮޅުގެ ބައެއް ސްކޫލްތަކުގަ އެބަތިބި ދޭއް ނުވަތަ ތިން އިސްލާމް ޓީޗަރުން،" ދާންދޫ ސްކޫލްގެ ބެލެނިވެރިޔާ ކިޔައިދިނެވެ.
އެ މައްސަލައާއި ގުޅޭގޮތުން ދާންދޫ ކައުންސިލް މެންބަރު ޝައުޔާ އަބްދުލް ގައްޔޫމް ވިދާޅުވީ އެރަށު ސްކޫލަށް އިސްލާމް ޓީޗަރަކު ހަމަޖައްސައިދިނުމަށް ކައުންސިލުން ވެސް އެޑިއުކޭޝަން މިނިސްޓްރީގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް "އެއްވެސް ޕޮސިޓިވް ޖަވާބެއް" ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންވެސް އެޑިއުކޭޝަންގައި ތަކުރާރުކޮށް އެދިފައި ވާނެ އިސްލާމް ޓީޗަރެއް ހޯދައިދޭން. ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެއްވެސް ޕޮޒުޓިވް ޖަވާބެއް ލިބިފައެއް ނުވޭ. އަޅުގަނޑުމެން ގަބޫލުކުރަން ސެކަންޑަރީ ސްކޫލް ކުދިން ތަކަކަށް އިސްލާމް ޓީޗަރެއް ނެތި މިހާދުވަސް ވުމަކީ ވަރަށްބޮޑު މައްސަލައެއް ކަމަށް. އެހެންވެ އަޅުގަނޑުމެންނަށް ކުރެވެން ހުރި މަސައްކަތެއް އެބަ ކުރަން." ޝައުޔާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދާންދޫ ސްކޫލްގައި އިސްލާމް ދެ ޓީޗަރުން ތިއްބަވާ ކަމަށާއި ނަމަވެސް އެ ދެ ބޭފުޅުން ވެސް މިހާރު ތިއްބެވީ ޗުއްޓީގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ސްކޫލަށް އިތުރު އިސްލާމް ޓީޗަރަކު ހޯދުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އިސްލާމް ޓީޗަރެއްގެ މަގާމަށް ކުރިމަތިލުމަށް އެދި އާންމުކޮށް އިއުލާންކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.