03 Apr 2014, 13:25
އެޕަލް ގެ ސިރި އަދި ގޫގުލް ނައު އާއި ވާދަކުރުމަށްޓަކައި މައިކްރޮސޮފްޓް ގެ ފޯނުތަކުގައި ހިމަނަން ގަސްތުކޮށްފައިވާ ކޯޓާނާ ޑިޖިޓަލް އެސިސްޓަންޓް ދައްކާލައިފި އެވެ.
ކޯޓާނާ ރަސްމީކޮށް ދައްކާލާފައި ވަނީ އެމެރިކާގެ ކެލިފޯނިއާގައި ކުރިއަށްދާ މައިކްރޮސޮފްޓް ގެ ބިލްޑް ޑިވެލޮޕާ ކޮންފަރަންސްގައި ބުދަ ދުވަހުއެވެ. ވިންޑޯސް ފޯން 8.1 އަޕްޑޭޓް އާއި އެކު ފޯނުތަކަށް ކޯޓަނާ ލިބޭނީ މީގެ ދެތިން މަސް ފަހުންނެވެ. ނަމަވެސް މެއި މަހު އަލަށް ބާޒާރަށް ނެރޭ ވިންޑޯސް ފޯން ތަކުގައި 8.1 އަޕްޑޭޓް ހިމެނޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސިރި އަދި ގޫގުލް ނައު އާއި އެއްގޮތަށް އަނގަބަހުން ކުރާ ސުވާލުތަކަށް ކޯޓާނާވެސް ޖަވާބުދެއެވެ. އަދި އާއްމުކޮށް ފޯނު ބޭނުން ކުރާ ގޮތާ، ސާޗް ކުރާ އެއްޗިއްސަށް ބިނާކޮށް، ފޯނު ބޭނުންކުރާ މީހާ ހިޔާރުކުރާ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެ ކަންކަން އަހާ ހަދައެވެ.
ކޯޓާނާ ގާތު ގަޑި ސޯނާކުރަން ބުނެފިނަމަ އެކަން ވެސް ކޮށްދެއެވެ. އަދި ކުރަން ހުރި ކަންކަމާ މުހިއްމު ދަވަސްތައް ކަލަންޑަރުގައި ރައްކާ ކޮށްދީ، ކައިރީގައި ހުރި ކާ ތަންތަން ދައްކާދޭން ބުނެފިނަމަ އެކަން ވެސް ކޯޓަނާ އިން ކޮށްދެއެވެ. ނަމަވެސް މި ކަންކަމަކީ 2011 ވަނަ އަހަރު ނެރުނު ސިރި އިން ވެސް ކުރެވޭ ކަންކަމެވެ.
ސިރި އަދި ގޫގުލް ނައު އާއި ކޯޓާނާ ތަފާތުކޮށްދޭ ކަމަކީ ކަސްޓަމައިޒަބިލިޓީ ކަމުގައި މައިކްރޮސޮފްޓް އިން ބުނެއެވެ. ބޭނުންކުރާ މީހާ ހިޔާރުކުރާ ގޮތަށް ބަދަލުތައް ގެނަސް، ޑިޖިޓަލް އެސިސްޓަންޓް ހަރަކާތްތެރިވާ ގޮތުގެ ކޮންޓްރޯލް އެ މީހަގެ އަތްމަތީގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ ސަބަބުން ބޭކާރު އެލާޓް ތަކައި ނޯޓިފިކޭޝާންތައް އަންނަ ވަރު މަދުވާނެއެވެ.
ގޫގުލް ނައު އިން ފޯނު ބޭނުން ކުރާ މީހާގެ އީމޭލްތައް ސްކޭން ކޮށް، ކުރިއަށް ދުވަސްތަކުގައި ދަތުރެއް އޮތް ނަމަ އެކަން ހަނދާންކޮށްދީ ހަދައެވެ. ވެރިފަރާތުގެ މާ ބޮޑު އިހްތިޔާރަކާ ނުލައެވެ. ނަމަވެސް ކޯޓާނާ އިން އީމޭލް ސްކޭން ކުރަން ބޭނުން ތޯ އަހާ، ހުއްދަ ހޯދާނެ ކަމަށް މައިކްރޮސޮފްޓް އިން ބުނެއެވެ. ބޮޑެތި ކުންފުނި ތަކުން އާއްމުންގެ ޒާތީ މައުލޫމާތުތައް އެއްކުރާ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ މި ދުވަސްވަރުގައި މިއީ ވަރަށް ބޭނުން ފީޗާ އެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޯޓާނާ ނުކުންނާނީ ފުރިހަމަ ނުވެ، ބީޓާ ޓެސްޓް މޯޑް ގައެވެ. ނަމަވެސް މި އަހަރުގެ މެދު ތެރޭގައި އެމެރިކާ، އިނގިރޭސި ވިލާތް އަދި ޗައިނާއަށް ކޯޓާނާ ދޫކުރުމުގެ ކުރިން ބީޓާ ލޭބަލް ނަގާނެ ކަމަށް މައިކްރޮސޮފްޓް އިން ބުނެއެވެ.
ޓެބްލެޓްތަކާ ލެޕްޓޮޕްތަކުގައި ބޭނުން ކުރެވޭ މައިކްރޮސޮފްޓް ގެ ވިންޑޯސް 8.1 ސޮފްޓްވެއާ އަށް ވެސް އައު އަޕްޑޭޓްތަކެއް އަންނާނެކަމަށް މިހާރު ކުރިއަށްދާ ޑިވެލޮޕާސް ކޮންފަރަންސް ގައި އެ ކުންފުނިން ވަނި ބުނެފައެވެ. މީގެ ތެރޭގައި ވިންޑޯސް 8.1 ގެ ޓައިލްތައް ހުންނަ ސްޓާޓް ޕޭޖް އަށް ޕަވަރ އަދި ސެޓިންގްސް ބަޓަން ތަކެއް އިތުރު ވުމާއި، ޑެސްކްޓޮޕް އެޕްލިކޭޝަން ތަކުން ޓައިލް އެޕްލިކޭޝަންތަކަށް ފަސޭހައިން ދެވުމާއި، ޓާސްކް ބާ އަށް ޓައިލް އެޕްލިކޭޝަންތައް ޕިން ކުރެވުން ހިމެނޭނެ ކަމަށް މައިކްރޮސޮފްޓް އިން ވަނީ ބުނެފައެވެ.