03 Apr 2014, 13:22
ތަފާތު އެކި ސަބަބުތަކާ ހެދި 439 މައްސަލަ ބަލައި ނުގަނެ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށް ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވީ ނޫސްވެރީންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ މައްސަލަތައް އަނބުރާ ފޮނުވާލި ސަބަބުތަކުގެ ތެރޭގައި ދައުވާ ރައްދުވާ ފަރާތް މާލޭގައި ދިރުއުޅޭ އެޑްރެސް ހިމަނާފައިނުވުން ފާހަގަކޮށްފައިވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް ވެސް ހިމެނޭ ކަމަށާއި މަސްތުވާތަކެތީގެ މައްސަލަތައް ބެލުމުގެ ބާރު ލިބިގެން ވަނީ ހަމައެކަނި ސުޕީރިއާ ކޯޓުތަކަށް ކަމަށެވެ.
މަސްތުވާތަކެތީގެ ބައެއް މައްސަލަތަކަކީ އަތޮޅުތަކުގައި ހިނގާފައިވާ ހާދިސާ ތަކަށް ވާއިރު، އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަކީ ދާއިމީ ގޮތެއްގައި ރަށުގައި ދިރިއުޅޭ ބަޔަކަށްވާތީ އެ މީހުންގެ މާލޭ އެޑްރެސް ހޯދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ފުވައްމުލަކު މީހެއް. ފުވައްމުލަކުގަ އޭނަ ދިރިއުޅެ ބޮޑުވީ އެތަނުގަ އޭނަ މަސްތުވާތަކެތި ބޭނުންކުރީ. އޭނަގެ މާލޭގެ އެޑްރެހެއް ނޯންނާނެ. އަޅުގަނޑުމެންނަކަށް މާލޭގެ އެޑްރެހެއް ހޯދޭނެ ގޮތެއް ވެސް ނޯންނާނެ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިހްތިސޯސް ލިބިގެންނުވާ ކަމަށް ބުނެ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 120 މައްސަލައެއް ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ދިރިއުޅެނީ ވެސް އަދި ކުށްކޮށްފައި ވަނީ ވެސް މާލޭގައި ކަމަށާއި ނަމަވެސް ދާއިމީ އެޑްރެސް ރަށުގައި އޮންނާތީ އިހްތިސޯސް ނުލިބޭ ކަމަށް ބުނެފައިވާ ކަމަށެވެ.
އެކަންކަންކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ސުޕްރީމް ކޯޓުގައި ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް މިހާތަށް އެ ކޯޓުން އެކަމަށް ސަމާލުކަން ދީފައި ނުވަނީ ފަނޑިޔާރުން ވަރަށް ބުރަކޮށް އުޅުއްވާތީ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ޝަމީން ވިދާޅުވި އެވެ.
"މިކަންކަމަށް ސަމާލުކަން ނުދެވި އޮތީ އެބޭފުޅުން ވަރަށް ބުރަކޮށް އުޅޭތީ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" ޝަމީމް ވިދާޅުވި އެވެ.