03 Apr 2014, 11:47
ޕޮލިސް ކަސްޓޯޑިއަލްގައި ތިބޭ ކުށްވެރިންނަށް ފުލުހުންގެ ބަޖެޓުން މިދިޔަ އަހަރު 17 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ 81 ވަނަ އަހަރު އަހަރީ ދުވަހާ ގުޅުވައިގެން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ މިދިޔަ އަހަރު ޕޮލިސް ކަސްޓޯޑިއަލްގައި ބައިތިއްބި 6،617 މީހުންގެ އެކި ކަންކަމަށް ފުލުހުންގެ ބަޖެޓުން 17 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
އަދި އެކި އެކި ކުށްތަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ބައިތިއްބައިގެން 875 މީހަކު ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކަސްޓޯޑިއަލްގައި ތިބޭ މީހުންނަށް މިދިޔަ އަހަރު 17 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެގެން ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ފުލުހުން ދައްކާފައިވެ އެވެ.
ފުލުހުންގެ ރިޕޯޓުގައި ބުނެފައި ވަނީ މިއަހަރު އެންމެ ބޮޑު އަމާޒެއް ހިފާފައި ވަނީ ޒުވާނުންނާއި ފުރާވަރުގެ ކުދިން ކުށުގެ މާހައުލުން ދުރުކޮށް ކުށްކުރިޔަ ނުދިނުމަށް ކަމަށެވެ. އެގޮތުން ބުލޫސް ފޯ ޔޫތު ކޭމްޕް 250 ބައިވެރިންނަށް ހިންގާފައިވާއިރު ރާއްޖޭގެ ތިން ސަރަހައްދެއްގެ ސްކޫލްތަކުގެ 450 ދަ،ރިވަރުންނަށް ބީ ރެޑީ ކޭމްޕް ހިންގާފައިވާ ކަމަށެވެ.