ކުޅިވަރު އެސޯސިއޭޝަނެއްގައި ބޮޑު މައްސަލަތަކެއް އުޅޭ ނަމަ، އެކަމުގެ ސަބަބުން ކުޅިވަރު އާއިލާތަކަކާއި ކްލަބު ޖަމްއިއްޔާތަކަކަށް މައްސަލަތަކެއް ކުރިމަތިވާނެކަން ކަށަވަރެވެ. ދައްކަން މިއުޅެނީ ނެޓްބޯޅަ އެސޯސިއޭޝަނުގެ ވާހަކަ އެވެ. އެ އެސޯސިއޭޝަނުން ކޮންމެ އަހަރަކު ވެސް އިންތިޒާމް ކުރާ ބޮޑު މުބާރާތުގެ ވާހަކަ އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން މިއަހަރު ރާވާފައިވާ ބޮޑު އެއް މުބާރާތް މި ވަނީ "ފަނި" ވުމުގެ މަގުމަތީގަ އެވެ. އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ފެށިފައިވާ އިރު، ތިން މެޗަކަށް ފަހު ސްކޫލުތަކަށް މާޔޫސްކަން ގެނުވައިފަ ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތް ކުރިއަށް ދިޔައިރު، އާދަޔާ ހިލާފު މަންޒަރެއް ފެނިގެން ދިޔަ އެވެ. މުބާރާތެއް ފަށާއިރު، ސްޓޭޖު މަތިން އިސްވެރިންތަކެއް ފެނިގެން ދެއެވެ. ނަމަވެސް ސްކޫލް ނެޓްބޯޅަ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނުގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ފިޔަވައި އެހެން ބޭފުޅަކު އެ ސްޓޭޖަކުން ނުފެނުނެވެ.

ހުޅުވުމުގެ ރަސްމިއްޔާތުން ފެނުނު މަންޒަރުން ވެސް ގިނަ ސުވާލުތަކެއް އުފެދިގެން ދިޔަ އެވެ. އެއީ ހަމައެކަނި ސްކޫލުތަކަށް ސުވާލު އުފެދުނު ކަމެއް ނޫނެވެ. އެއީ މުޅި ނެޓްބޯޅަ އާއިލާއަށާއި މުބާރާތުގައި ބައިވެރިވާ ކުދިންނަށް ސުވާލު އުފެދިގެންދިޔަ ކަމެކެވެ. އެމީހުންގެ ބޮޑު ސުވާލަކަށް ވެގެންދިޔައީ ރާއްޖޭގެ ނެޓްބޯޅަ މި ފުނޑު ފުނޑު ވެގެން ދިޔައީ ހެއްޔެވެ؟

މިކަމާއި ބެހޭގޮތުން ސަންއަށް ލިބިގެން ދިޔައީ އެންމެ ބޭފުޅެއްގެ ބަހެކެވެ. އެއީ އަބަދުވެސް ނެޓްބޯޅަ އެސޯސިއޭސަނުގެ ކުރީ ސަފުގައި ހުންނެވި ނައިބު ރައީސް މުހައްމަދު ނަބީލުގެ ބަހެވެ. ސަން އަށް މައުލޫމާތު ދެއްވަމުން ނަބީލް ވިދާޅުވީ ނައިބު ރައީސްގެ ހައިސިއްޔަތުން ސްކޫލް ނެޓްބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިނުވެވުނީ ބަލިވެ އުޅުނީމަ ކަމަށެވެ.

"ހުޅުވުމުގެ ރަސްމިއްޔާތަށް އަޅުގަނޑުމެންގެ އެސޯސިއޭޝަނުގެ ފަރާތުން ބޭފުޅަކުން ހުރި. އަޅުގަނޑުމެންގެ އެކްސް ކޯގެ މިވަގުތު ރަށުގައި ތިއްބެވީ ދެ ބޭފުޅުން. އެސޯސިއޭޝަނުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވެވުނީ އަޅުގަނޑު ވަރަށް ބަލިވެ ހުން އައިސް، ރޯގާ ޖެހިގެން. އަޅުގަނޑުމެން ހުޅުވުމުގެ ރަސްމިއްޔާތުގައި މީހަކު ނެތް ކަމުގައިވީ ނަމަވެސް ދިޔައީ ވަރަށް ފުރިހަމަކޮށް، އެއްވެސް މައްސަލައެއް ނެތި،" އޭނާ ވިދާޅުވި އެވެ.

ނަބީލް ދެކޭ ގޮތުގައި މައްސަލައަކީ ނެޓްބޯލް އެސޯސިއޭޝަނުގެ މަސައްކަތަށް ބަޔަކު ހުރަސްއެޅުމެވެ.

"މީގެ މައްސަލައަކީ އެސޯސިއޭޝަނުގެ ހަރަކާތްތައް ހުއްޓުވުމަށްޓަކައި ބައެއް ބޭފުޅުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަން،" އޭނާ ވިދާޅުވި އެވެ.

ސްކޫލް ނެޓްބޯޅަ މުބާރާތުގެ ކަންތައް ވަރަށް ފުރިހަމަކޮށް ދިޔަ ކަމުގައި ނަބީލް ވިދާޅުވި ނަމަވެސް ފުރަތަމަ ދުވަހު ވެސް މައްސަލަތަކެއް ހުއްޓެވެ. މުބާރާތް ފެށިއިރު އަމްޕަޔަރުންގެ ޖާޒީ ލިބިފައެއް ނުވެ އެވެ. އޭގެ އިތުރުން ފުރަތަމަ މެޗު ފެށިގެންދިޔަ ވަގުތު ލަސްވުމުން ސްކޫލުތަކުގެ އޮފިޝަލުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

މުބާރާތުގެ ފުރަތަމަ ދުވަހުގެ ދެ މެޗަށް ފަހު، އަމްޕަޔަރެއް މަދުވުމުގެ ސަބަބުން ރޭގަނޑުގެ މެޗުތަކެއް ވަނީ ކެންސަލްވެފަ އެވެ. އޭގެ އިތުރުން ހުކުރު ދުވަހުގެ މެޗުތަކާއި ހޮނިހިރު ދުވަހުގެ މެޗުތަކެއް ވެސް ކެންސަލްކޮށްފައި ވެއެވެ. މިހާރު މުބާރާތް އަލުން ފެށިފައިވީ ނަމަވެސް މުބާރާތް މިގޮތަށް ކުރިއަށްދާ ނަމަ، ސްކޫލްތަކަށް ގިނަ ހުރަސްތަކަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އެކަމަކު ނަބީލް ވިދާޅުވީ މުބާރާތުގެ މެޗުތަކެއް ކުރިއަށް ނުދިޔައީ އަމްޕަޔަރުންގެ އިހުމާލުން ކަމަށެވެ.

"ބުރާސްފަތި ދުވަހުގެ ރޭ އަމްޕަޔަރުކަން ކުރަން ހަމަޖައްސާފައި އޮތް ބޭފުޅާ ގަޑި ޖެހެން ގާތްގަނޑަކަށް ބައި ގަޑިއިރަށް ވީމަ ފޯނު ނިވާލައިފަ ހަބަރެއް ނުވި. އޭގެ މާނައަކީ މިއީ ވަރަށް ބޮޑަށް ދުރާލާ ރޭވިގެން ދާ ކަމެކޭ،" ނަބީލް ވިދާޅުވި އެވެ.

ޔޫތު މިނިސްޓްރީން ރަނގަޅު ބަޖެޓެއް ނުދިނުމުގެ ސަބަބުން ގިނަ ހުރަސްތަކަކާއި ކުރިމަތިލަމުން އަންނަ ކަމަށް މީޑިއާގައި އެތައް ފަހަރަކު ނަބީލް ވިދާޅުވެފައިވާ އިރު، ނެޓްބޯޅަ އެސޯސިއޭޝަނަށް މުބާރާތްތަކުގެ ސްޕޮންސަރުން ކަމަށްވާ ސްޓޭފްރީން ވެސް ފައިސާ ލިބެމުންދެ އެވެ. އެކަމަކު މި ފައިސާ ވީތަނެއް އެނގިލައްވާ ހަމަ އެއް ބޭފުޅަކު ވެސް އެސޯސިއޭޝަނަކު ނެތެވެ. މިކަން ވެފައި ވަނީ ވާނުވާ ނޭނގޭ ބޮޑު އަރަތަކަށެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުގެ މުވައްޒަފުންނަށް މުސާރަ ނުލިބުމުގެ ކަންބޮޑު ވުން ފާޅުކޮށްފައިވެ އެވެ. އެ އެސޯސިއޭޝަނުގައި މަސައްކަތް ކުރި ދެ މުވައްޒަފުންނަށް ފަސް މަސް ދުވަހުގެ މުސާރަ ދީފައި ނުވާތީ އެއް މުވައްޒަފަކު ވަނީ ޔޫތު މިނިސްޓްރީ އަށް އެ މައްސަލަ ހުށަހަޅައިފަ އެވެ.

މި މައްސަލަތައް މިގޮތަށް ހުރި އިރު ނެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ވީތަނެއް ނޭނގެ އެވެ. އެސޯސިއޭޝަނުގެ ރައީސް އަބްދުﷲ އިބްރާހިމް ހުރީ ޗުއްޓީއެއްގައި ކަމަށް ނައިބު ރައީސް ނަބީލް ވިދާޅުވި އެވެ. އެކަމަކު އަބްދުﷲ އިބްރާހިމް ވިދާޅުވަނީ އޭނާ އެސޯސިއޭޝަނުން އިސްތިއުފާ ދީފައިވާ ކަމަށާއި "ޗުއްޓީގައި ހުރި ކަމަށް ބުނާ ވާހަކައަކީ ދޮގެއް" ކަމަށެވެ.

އެސޯސިއޭޝަނުގެ ރައީސް އިސްތިއުފާ ދިންކަން މީޑިޔާ އަށް އެނގިފައި ނުވާއިރު، ނެޓްބޯޅަ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އަށް ވެސް އެނގިފައެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް ރަސްމީކޮށް އެނގެން އަންނާނީ ހިންގާ ކޮމިޓީއަށް އެކަން އެންގުމުން. އެހެން ނަމަވެސް ރައީސް އެބަ ވިދާޅުވޭ އިސްތިއުފާ ދީފީމޭ، ދެން މިހާރު އަޅުގަނޑުމެންނަށް އެ ހަބަރުތައް ލިބެއްޖެ. އެހެން ނަމަވެސް ހިންގާ ކޮމިޓީއަށް އަދިވެސް އެކަން އެއްވެސް ފަރާތަކުން އަންގާފައެއް ނުވޭ،" އެސޯސިއޭޝަނުގެ ހަޒާންދާރުގެ މަގާމުގައި ހުންނެވި އަހުމަދު ރިޔާޒް ވިދާޅުވި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުގެ ފައިސާގެ ކަންތައްތައް ހުރި ގޮތް ބަލައިލުމަށް އެ އެސޯސިއޭޝަނުގެ ހަޒާންދާރު ރިޔާޒަށް ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެސޯސިއޭޝަނުގެ ފައިސާގެ ކަންތައް ބޮޑަށް އެނގިލައްވާނީ ނަބީލް އަށް ކަމަށާއި ހަޒާންދާރުގެ ޒިންމާއެއް އެސޯސިއޭޝަނުގައި ނެތް ކަމަށެވެ.

"ހަޒާންދާރުގެ މަގާމަށް އަޅުގަނޑު އިންތިހާބުވީ މެދެއްހާ ހިސާބުގަ. ނަމަވެސް ރަސްމީކޮށް އަދި އަޅުގަނޑާ އެމަގާމެއް ހަވާލުކުރެވިފައެއް ނުވޭ. އެހެންކަމުން އެސޯސިއޭޝަނުން ހިންގާ ފައިނޭންޝަލް ތަފްސީލު އެނގިފައެއް ނެތް. އޭގެ މައުލޫމާތު އަޅުގަނޑަށް ދެވޭނެ އެއްވެސް ފުރުސަތެއް ނެތް. ނަބީލް އަށް އެނގޭނީ. އެއީ ނަބީލް އެސޯސިއޭޝަނުގެ ހިންގުމާއި ހަވާލުވެ ހުރީ،" ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗެކުގައި ސޮއިކުރަނީ ރައީސާއި ނައިބު ރައީސް، އަދިވެސް ކޮންމެވެސް އެހެން ބޭފުޅެއް ސޮއިކުރޭ. އަޅުގަނޑު ސޮއިކުރާ ގޮތަށް އަދި ހަމަޖައްސައިފަ އެއް ނެތް. އެ ވާހަކަތައް ދެކެވިފައި ވާނީ. ނަމަވެސް މިއަދާއި ހަމައަށް އިސްލާހަށް ބަދަލުތަކެއް ގެނެވިފައެއް ނެތް."

ނެޓްބޯޅަ އެސޯސިއޭޝަނުގެ މައްސަލަތަކެއް ޔޫތު މިނިސްޓްރީ އަށް ވެސް ބަޔަކު ވަނީ ހުށަހަޅައިފަ އެވެ. ޔޫތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ވިޝާމް ވިދާޅުވީ މައްސަލަތަކެއް ހުށަހެޅިފައިވީ ނަމަވެސް އެ މައްސަލަތައް ނުބެލިގެން އުޅެނީ އެސޯސިއޭޝަނުތަކުގެ މައްސަލަތައް ބަލާ ސްޕޯޓްސް ކައުންސިލްގެ ހިންގުން ނުފެށިގެން ކަމަށެވެ.

"ނެޓްބޯޅަ އެސޯސިއޭޝަނުގެ ވަރަށް ގިނަ މައްސަލަތަކެއް ފާހަގަކޮށް ދެ މީހަކު އެބައޮތް މައްސަލަތަކެއް ހުށަހަޅާފައި. އެ މައްސަލަތައް ހުށަހަޅަން ޖެހޭނީ ސްޕޯޓްސް ކައުންސިލަށް. އެކަމަކު ސްޕޯޓްސް ކައުންސިލް ހިންގުން އަދި ފެށިފައެއް ނުވޭ. އެހެންވީމާ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަނުގެ ނައިބު ރައީސް ނަބީލް މީޑިއާގައި އެންމެ ބޮޑަށް ދައްކަވާފައިވާ ވާހަކަ އަކީ ޔޫތު މިނިސްޓްރީން ދިން ކުޑަ ބަޖެޓާއި ބެހޭ ގޮތުންނެވެ. މިކަމާއި ބެހޭގޮތުން ވިޝާމް ވިދާޅުވީ ބަޖެޓްގެ ތާށިކަން އުޅޭތީ މިއަހަރު ފާސްކުރި އިރު އިނީ އެސޯސިއޭޝަނުތަކަށް މިދިޔަ އަހަރު ދިން ވަރަށް ބަޖެޓް ދިނުމަށް ކަމަށެވެ.

"މިދިޔަ އަހަރަކީ ވެސް ވަރަށް ތާށިކޮށް ދިޔަ އަހަރެއް. މިފަހަރު ބަޖެޓުގެ ތާށިކަން އުޅޭއިރުގަ މިފަހަރު ފާސްކުރި އިރު އިނީ ހުރިހާ އެސޯސިއޭޝަނުތަކަށް ވެސް މިދިޔަ އަހަރު ދިން ވަރަށް ދޭން ފާސްކޮށްފަ. މިއަހަރަކީ އިންފްރާސްޓްރަކްޗާގެ އަހަރެއް ގޮތަށް ބަލައިގެން އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ. މިނިސްޓަރުގެ ވިސްނުންފުޅު ހުރީ އެސޯސިއޭޝަނުތަކާއި ވަރަށް ގާތުން މަސައްކަތްކުރުން ކަމަށް ވިދާޅުވެފަ އޮތީ،" ވިޝާމް ވިދާޅުވި އެވެ.

މައްސަލަތަކެއް އުޅޭ ކަމަށް އެސޯސިއޭޝަނަށް ފާހަގަނުވި ނަމަވެސް އަމްޕަޔަރުންގެ ޖާޒީ ނެތުމާއި އަމްޕަޔަރުން ނެތިގެން މެޗުތައް ކެންސަލް ކުރަންޖެހުމާއި މުވައްޒަފުންނަށް މުސާރަ ނުލިބުމާއި ރައީސް އިސްތިއުފާ ދެއްވިކަން ނުވަތަ ނޫންކަން ނޭނގުމަކީ ހުސް މައްސަލަ އެވެ. މިކަންތައްތައް ރަނގަޅު ކުރަންޖެހެ އެވެ.