ރ. އަނގޮޅިތީމު މޫދަށް އެރުނު ބިދޭސީ ޓީޗަރެއް މަރުވެފައި އޮއްފައި ފެނިއްޖެ އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އަނގޮޅިތީމު ގޮނޑުދޮށުގައި މަރުވެފައި އޮއްވައި ފެނުނީ، އެ ރަށު ސްކޫލްގައި ފިޝަރީޒު ސައިންސް ކިޔަވައިދެމުން އަންނަ ތޯނީ ނަމަކަށް ކިޔާ އިންޑިއާގެ ޓީޗަރެއް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ބިދޭސީ މީހާ މަރުވެފައި ވަނީ އިއްޔެ މެންދުރެއްހާ އިރު ކަމަށެވެ.

އެ ރަށު ކައުންސިލްގެ ރައީސް ގާސިމް ހަސަން މިއަދު ސަން އަށް ވިދާޅުވީ އިއްޔެގެ މެންދުރު ވަގުތުގައި މޫދަށް އެރި އުޅެނިކޮށް ތޯނީ މަރުވީ ސްކޫލް ކުދިންތަކެއް ގޮވައިގެން ޕްރޮޖެކްޓެއް ހަދަން ގޮނޑުދޮށުގައި އުޅެފައި މޫދާ އެރިއުޅެނިކޮށް ކަމަށެވެ.

ނަމަވެސް ގާސިމް ވިދާޅުވީ އޭނާ އަށް ފަތަން އެނގޭ ކަމަށެވެ.

ގާސިމް ވިދާޅުވީ މޫދަށް އެރުނު ޓީޗަރަކީ އެ ޕްރޮޖެކްޓާ ގުޅުން ހުރިި ޓީޗަރެއް ނޫން ކަމަށާއި އެހެން ނަމަވެސް އޭނާ އެތަނަށް ދިޔައީ ކަމަށެވެ.

އޭނާ މަރުވެފައިވާކަން އެނގުނީ މައްޗަށް ނާރައިގެން މާގިނައިރު ވުމުން ގޮސް ބެލުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބިދޭސީ ޓީޗަރު ހުޅުދުއްފާރު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ ތޯނީގެ ހަށިގަނޑު މިއަދު ފަތިހުގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްޗުން ފުރިހަމަ ކުރަން ޖެހޭ ކަަންކަން ފުރިހަމަކުރުމަށް ފަހު މިހާރު އޭނާ ހަށިގަނޑު ބާއްވާފައި އޮތީ އާ ސަހަރާގެ މޯޗިރީގައި ކަމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީން އޭނާގެ އާއިލާ އަށް އެކަން އަންގާފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ބެންގަލޯރަށް ފޮނުވުމުގެ މުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.