ގދ. އަތޮލު ތައުލީމީ މަރުކަޒުގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސްކޫލުގެ ހުރިހާ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ބައިވެރިވި އެސެމްބްލީއެއް ކުރިޔަށް ދަނިކޮށް އެ ސަރަހައްދުގައި ހުރި ގަހެއްގެ ބައެއް ވެއްޓި ބައެއް ކުދިންނަށް އަނިޔާވެއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ޕްރިންސިޕަލް ޒީމާ އަބްދުﷲ މިއަދު ވިދާޅުވީ އެ ހާދިސާގައި ގަހުގެ ގޮފިގަނޑުން ޖެހުމުގެ ސަބަބުން ތަދުވި ހަ ކުދިންގެ ތެރެއިން ތިން ކުއްޖަކަށް މިހާރު ދަނީ ގދ. އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ކަމަށެވެ. އަދި އެ ތިން ކުދިންގެ އެކްސްރޭ މިހާރު ނަގާފައިވާ ކަމަށާއި ލިބުނު އަނިޔާތައް ސީރިއަސް ނޫން ކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

"ހަ ކުދިންގެ ތެރެއިން ބޮޑަށް ގޮފިގަނޑުން ޖެހުނު ތިން ކުއްޖަކު މިވަނީ މިހާރު އެޑްމިޓްކޮށްފައި. އެކަމަކު އެއީ މާބޮޑު ސީރިއަސް އަނިޔާތަކެއް ލިބިގެނެއް ނޫން. ގޮފިގަނޑުން ޖެހި ތަދު އިހުސާސް ކުރެވޭތީ އެކްސްރޭ ނަގައި ހެދުމަށް. އެކަން އެގޮތަށް ހިނގުމުން އެ ކުދިންނަށް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައި. އެކަމަށް ވެސް މިދަނީ ފަރުވާދެމުން. ނަމަވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނެތް." ޕްރިންސިޕަލް ޒީމާ ވިދާޅުވި އެވެ.

ޕްރިންސިޕަލް އިތުރަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 08:40 ހާއިރު ކަމަށެވެ. އަދި އެ ގަހަކީ ސްކޫލުގެ އެސެމްބްލީ ގްރައުންޑް ހިމެނޭ ސަރަހައްދުގައި ބިޔަކޮށް ހެދިފައި ހުންނަ ގަހެއް ކަމަށާއި މިއަދު ވެއްޓުނު ގޮފިގަނޑަކީ ގާތްގަނޑަކަށް ގަހުގެ ތިންބައި ކޮއްފައި އެއްބައިކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ. އަދި އެއީ "ގޮފިއެލޭ" ޒާތުގެ ގަހެއް ކަމަށާއި ވެއްޓުނު ގޮފިގަނޑުގެ ހިސާބެއްގައި ކުޑަކޮށް ފީވުމުގެ އަސަރު ފެންނަން ހުރި ކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި އިރު ވިއްސާރަ ނޫން ކަމަށާއި މޫސުން ވެސް ރަނގަޅު ކަަމަށް އެ ސްކޫލުން ބުންޏެވެ.