ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބޮރޫސިއާ ޑޯޓްމުންޑް އަތުން ސްޕެއިންގެ ރެއާލް މެޑްރިޑް ބަދަލު ހިފައިފި އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރެއާލް ކަޓައިގެން ދިޔައީ ޑޯޓްމުންޑް އަތުން ބަލިވެގެންނެވެ. ޗެމްޕިއަންސް ލީގު ތާރީހުގައި އެންމެ ގިނަ ތަށި ކާމިޔާބުކުރި ރެއާލް މެޑްރިޑުން ރޭ ޑޯޓްމުންޑްގެ މައްޗަށް ކުރި ހޯދީ 3-0 ލަނޑުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ވޭލްސް ފޯވަޑް ގަރެތު ބޭލް އެވެ. މި ލަނޑު ބޭލް ކާމިޔާބުކުރީ މެޗުގެ ތިން ވަނަ މިނެޓްގަ އެވެ. މެޗުގައި މޮޅު ކުޅުމެއް ފެނިގެން ދިޔަ ރެއާލް އަށް ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ސްޕެއިން މިޑްފީލްޑަރު އިސްކޯ އެވެ.

މެޗުގެ ތިން ވަނަ ލަނޑު 57 ވަނަ މިނެޓްގައި ރެއާލް އަށް ކާމިޔާބު ކޮށްދިނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯގެ މި ލަނޑަކީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބު ކުރި 14 ވަނަ ލަނޑެވެ.

ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބު ކުރުމުން ރޮނާލްޑޯ އަށް ވަނީ ޗެމްޕިއަންސް ލީގު ސީޒަނެއްގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ލިއޮނެލް މެސީގެ ރެކޯޑާއި ހަމަހަމަ ކުރެވިފަ އެވެ. އަދި ޗެމްޕިއަންސް ލީގު ތާރީހުގައި އެންމެ ގިނަ ލަނޑު ކާމިޔާބު ކުރި ކުޅުންތެރިންގެ ލިސްޓްގެ އެއްވަނަ އަށް އެރުމަށް ދެން ރޮނާލްޑޯ ކާމިޔާބުކުރަން ޖެހޭނީ ހަތް ގޯލެވެ. އެންމެ ގިނަ ލަނޑު ޖެހި ރެއާލްގެ ކުރީގެ ފޯވަޑް 71 ލަނޑު ކާމިޔާބު ކުރި އިރު، ދެވަނައިގައި އޮތް ލިއޮނެލް މެސީ ކާމިޔާބުކުރީ 67 ލަނޑެވެ. ރޮނާލްޑޯ އަށް ކާމިޔާބު ކުރެވިފައި ވަނީ 64 ލަނޑެވެ.

ރެއާލް އާއި ޑޯޓްމުންޑް ބައްދަލުކުރާ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު ރާއްޖޭ ގަޑިން 23:45ގަ އެވެ. މި މެޗު ކުޅޭނީ ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކުގަ އެވެ.