މި އަހަރުގެ "މޯލްޑިވްސް ޓްރެވަލް އެވޯޑްސް"ގައި ވެސް 23 ކެޓަގަރީއެއް ހިމެނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނިންމައިފި އެވެ.

ޓޫރިޒަމް ދާއިރާގެ 23 ކެޓަގަރީއެއް ހިމެނޭ ގޮތަށް މުހިންމު ސެކްޓާތަކެއް ކަވަރުކުރުމަށް ހަމަޖައްސާފައިވެ އެވެ. އެ ސެކްޓާތަކުގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކާއި ހޮޓްލްތަކާއި ގެސްޓް ހައުސްތަކާއި ލައިވްއެބޯޑްސް އާއި ޓްރާންސްޕޯޓް އެންޑް އޭވިއޭޝަނާއި ވެލްނަސް އެންޑް ސްޕާ އާއި ވިޔަފާރި އަދި ޓެކްނޮލޮޖީ އެވެ.

މިފަހަރުގެ ޓްރެވަލް އެވޯޑްގައި ވެސް އާންމުންނަށް އިންޓަނެޓް މެދުވެރިކޮށް އޮންލައިންކޮށް ވޯޓުލެވޭ ގޮތަށް ހަމަޖެހިފައިވެ އެވެ. ޓްރެވަލް އެވޯޑްސް ހޮވުމަށް ހަމަޖެހިފައި ވަނީ އާންމުންގެ ވޯޓުގެ 40 ޕަސެންޓް އާއި ޖަޖުންގެ 60 ޕސެންޓްގެ ވޯޓާ އެކު އެވެ.

ޓްރެވަލް އެވޯޑަށް ކުރިމަތިލުމަށް އޭޕްރީލް 1 އިން 15 މެއި އާ ހަމައަށް ހުޅުވާލާފައިވާ އިރު، އާންމުންނަށް ވޯޓުލެވޭނީ ޖޫން 15 އިން ސެޕްޓެމްބަރު 30 އާ ހަމައަށެވެ. މިއަހަރުގެ އެވޯޑަށް ކުރިމަތިލާ ފަރާތްތަކަށް ތިން ކެޓަގަރީއަކަށް ކުރިމަތިލެވޭ އިރު، އެވޯޑުގައި ބައިވެރިވާ ފަރާތްތައް އިތުރު ކުރުމުގެ ހިޔާލެއް މަޓާޓޯއިން ގެންގުޅޭ ކަމަށް އެ ޖަމްއިއްޔާ އިން ބުނެ އެވެ.

މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ދިނުމަށް ބާއްވާ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސްގަ އެވެ. މި އަހަރުގެ އެވޯޑުގެ މެއިން ސޮޕޮންސަރުންނަކީ މިދިޔަ އަހަރުގެ ސްޕޮންސަރުން ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.

މިއަހަރު ވެސް ޓްރެވަލް އެވޯޑްސް އިންތިޒާމު ކުރަނީ މަޓާޓޯ އާއި ހައިރައިސް ޕްރައިވެޓް ލިމިޓެޑާއި ގުޅިގެންނެވެ.