03 Apr 2014, 10:17
ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުން ޗެލްސީ އަތުން މޮޅުވެ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އިން ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން އެންމެ ފަހުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އަތުން މޮޅުވީ 3-1 ލަނޑުންނެވެ. މެޗު ފެށިތާ ތިން މިނެޓް ތެރޭގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އާޖެންޓީނާ ފޯވަޑް އެޒެކުއީލް ލަވޭޒީ އެވެ. ޕީއެސްޖީން ލީޑު ނެގިތާ މާ ގިނައިރުތަކެއް ނުވަނީސް ޗެލްސީން މެޗުގެ ކޮންޓްރޯލް ހޯދަމުން ދިޔަ އެވެ.
މެޗުގެ 27 ވަނަ މިނެޓްގައި ޗެލްސީ އަށް ޕެނަލްޓީ އެއް ލިބުނެވެ. ޗެލްސީ އަށް ޕެނަލްޓީ ލިބުނީ ޕީއެސްޖީގެ އޭރިޔާ ތެރެއިން ތިއާގޯ ސިލްވާ ޗެލްސީގެ އޮސްކާ އަށް ކުރި ފައުލަކާއި ގުޅިގެންނެވެ. ލަނޑު ޖެހުމަށް ޗެލްސީ އަށް ލިބުނު ރަނުގެ ފުރުސަތުން ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދިނީ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑް އެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައި ފެނުނީ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީ ކުޅެމުން ދިޔަ ޕީއެސްޖީން ރަނގަޅަށް ކުޅުނު ތަނެވެ. މެޗުގެ 61 ވަނަ މިނެޓްގައި ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އަތުން ބައިކޮޅަށް ލަނޑެއް ވަދެ ޕީއެސްޖީ އަށް އަލުން ލީޑު ލިބިގެންދިޔަ އިރު، މެޗުގެ އެންމެ ފަހު މިނެޓުގައި ޕީއެސްޖީ އަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އާޖެންޓީނާ މިޑްފީލްޑަރު ހާވިއާ ޕަސްތޯރޭ އެވެ. މި ލަނޑު ފެނުނީ ދެވަނަ ހާފުގެ އިތުރު ވަގުތު ތެރޭގަ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީ ކޯޗު ހޯސޭ މޮރީނިއޯ ބުނީ، މެޗުން ބަލިވީ ޗެލްސީ އަށް ޑިފެންސް ކުރުމުގައި ހެދި ގޯސްތަކުގެ ސަބަބުން ކަމަށެވެ.
"ފުރަތަމަ ގޯލް ވަތް އިރު، ހަމަލާ ފޮނުވާލުމުގެ ކުރިން އަހަރެމެންނަށް އެ ބޯޅަ ހުއްޓުވަން މަސައްކަތް ކުރެވިފައެއް ނުވޭ. ޕީއެސްޖީގެ ދެވަނަ ގޯލު ވަނުމުގައި އަހަރެމެންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. އެ ގޯލު ބައިކޮޅަށް ވަނީ ނަސީބު ނެތުމުން. އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރެވުނީ އަހަރެމެންގެ ޑިފެންސް މާ ބޮޑަށް ބަލިކަށި ވުމުން." މޮރީނިއޯ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި މި ދެޓީމު ކުޅޭ ދެވަނަ ލެގު ކުރިއަށް ދާނީ މި މަހުގެ އަށް ވަނަ ދުވަހު ރާއްޖޭ ގަޑިން 11:45ގަ އެވެ. މި މެޗު ކުޅޭނީ ޗެލްސީގެ ސްޓެމްފަޑް ބްރިޖުގަ އެވެ.