ކުއާލަލަންޕޫރު (އެޕްރީލް 3) : މިދިޔަ މާޗްމަހުގެ 8 ވަނަ ދުވަހު ގެއްލިފައިވާ މެލޭޝިޔާ އެއަރލައިންސްގެ އެމްއެޗް ތިނެއް ހަތެއް ސުމެއް، ފްލައިޓް ގެއްލެން ދިމާވި ސަބަބު ދެނެގަތުމަކީ ފަހަރުގައި ނުވެދާނެ ކަމެއްކަމަށް މެލޭޝިޔާ ފުލުހުންގެ ވެރިޔާ ޚާލިދު އަބޫބަކުރު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ގެއްލުނު ބޯޓަށް ވީގޮތެއް ބެލުމަށް ކުރަމުންގެންދާ ޖިނާއީ ތަހްގީގްތަކުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އެބޯޓު ގެއްލުމުގައި ފަޅުވެރިންގެ ދައުރެއް ވޭތޯ ބެލުމަށް ކަމަށާ ފްލައިޓް ގެއްލެން ދިމާވި ސަބަބު ނޭންގުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގަ އެވެ. އެމްއެޗް ތިނެއް ހަތެއް ސުމެއް، މެލޭޝިޔާގެ ފްލައިޓް ގެއްލުމުގައި އެބޯޓުގެ ފަސިންޖަރުންގެ ދައުރެއްނެތްކަން މިހާތަނަށް ކުރެވިފައިވާ ތަހްގީގްތަކުން ޔަގީންވެފައި ވާތީ މިކާރިސާއާ އެބޯޓުގެ ފަޅުވެރިންނާ ގުޅުމެއްވޭތޯ ބެލުމަށް ތަހްގީގްތަކުގައި އިސްކަން ދެމުންގެންދާ ކަމަށް ޚާލިދު ވިދާޅުވި އެވެ.

މެލޭޝިޔާގެ ގެއްލިފައިވާ އެމްއެޗް ތިނެއް ހަތެއް ސުމެއް، ފްލައިޓަށް ވީގޮތެއް ކައިރި މުސްތަގްބަލެއްގައި އެނގުމުގެ ފުރްސަތު ކުޑަކަމަށް އެމެރިކާއިން ވެސް ވަނީ ބުނެފަ އެވެ. ގެއްލިފައިވާ ފްލައިޓް ހޯދުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ޢަސްކަރީ ފަންނީ ބައެއް މަސްއޫލުވެރިން ވަނީ އެބޯޓު ހޯދުމަށް އަހަރުތަކެއް ނަގާފާނެ ކަމަށާ ކައިރިމުސްތަގްބަލެއްގައި އެބޯޓު ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިގޮތަށް ލަފާކުރަން ޖެހުނީ އެބޯޓު ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައްބަލައި ތަހްލީލުކޮށްފައި ކަމަށް ވެސް އެމެރިކާގެ ޢަސްކަރީ ފަންނީ މަސްއޫލުވެރިން ވިދާޅުވި އެވެ.

ގެއްލިފައިވާ މަތިންދާ ބޯޓުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައިނުވާ އިރު އެ ބޯޓު ހޯދުމަށް އެތައް ގައުމެއް ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުން މިހާތަނަށް އިންޑިޔާ ކަނޑުގެ ދެކުނުގެ ސަރަހައްދުތަކުން ފެނިފައިވާ ތަކެއްޗަކީ ވެސް އެބޯޓާ އެއްވެސް ގުޅުންނެތް މަސްވެރިކަމުގެ ސަމާނުތަކެއް ކަން އޮސްޓްރޭލިޔާ އިން ވަނީ ކަށަވަރުކޮށްދީފަ އެވެ. ގެއްލިފައިވާ މަތިންދާބޯޓު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށާއި އެކަމާ ބެހޭ ގޮތުން މަޝްވަރާތައް ކުރެއްވުމަށް ޓަކައި މެލޭޝިޔާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބް އަބްދުއްރައޒާގް އިއްޔެ ވަނީ އޮސްޓްރޭލިޔާއަށް ވަޑައިގެން އެގައުމުގެ ބޮޑުވަޒީރު ޓޯނީ އެބޮޓް އާބައްދަލުކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)