ބްރަސަލްސް (އެޕްރީލް 3) : ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތައް ހުއްޓުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި ޔޫރަޕާއި އެފްރިކާގެ ގައުމުތަކުގެ އިސްވެރިންގެ ޚާއްސަ ސަމިޓެއް ބެލްޖިޔަމްގެ ވެރިރަށް ބްރަސަލްސްގައި އިއްޔެ ފެށިއްޖެ އެވެ.

މިސަމިޓްގެ އިފްތިތާޙީ ޖަލްސާގައި ވާހަކަ ދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންއެފްރިކާ އާއި ޔޫރަޕްގެ ގައުމުތަކަށް ގޮވާލެއްވީ ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށެވެ. މިގޮތުން އެގައުމުގައި އަނިޔާ ލިބެމުންދާ ފަރާތްތައް ހިމާޔަތްކޮށް ސުލްހަ ބެލެހެއްޓުމަށް އިތުރު ސިފައިން ފޮނުވައިދިނުމަށް އެފްރިކާ އާއި ޔޫރަޕްގެ ގައުމުތަކަށް ބާންކީ މޫން އިލްތިމާސް ކުރެއްވި އެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ހިނގަމުންދާ ދާޚިލީ ލޭ އޮހޮރުވުންތަކުގެ ޝިކާރައަކަށް ވެފައިވަނީ އެގައުމުގެ ބައިމަދު މުސްލިމުންނެވެ.

މުސްލިމުން މަރައި އެމީހުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައްހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އެގައުމުގެ ބައިގިނަ ނަސާރާއިންނަށް ނިސްބަތްވާ ހަތިޔާރުއެޅި މިލީޝިޔާތަކުން ކަމަށް ޚަބަރުތައް ބުނެ އެވެ. ޚާއްސަކޮށް މުސްލިމުންނާ ދެކޮޅަށް ގަތްލުއާންމުތައް ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވާކަމަށް ވަނީ "އެންޓީ ބްލާކާ" ނަމަކަށްކިޔާ ނަސާރާ މިލީޝިޔާއަކުންނެވެ. ނަސާރާ މިލީ ޝިޔާތަކުން ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަކީ ދުލުންސިފަނުކުރެވޭ ފަދަ އިންސާނީ ބޮޑު މުސީބާތެއް ކަމަށް ރެފިއުޖީންނާ ބެހޭ އދ.ގެ ހައިކޮމިޝަނަރު އެންޓޯނިޔޯ ގޮޓިރަސް ދާދިފަހުން ވަނީ ސިފަކުރައްވާފަ އެވެ.

ސެންޓްރަލް އެފްރިކަންރިޕަބްލިކްގައި މުސްލިމުންނަށާ ބައިމަދު އެހެން ނަސްލުތަކުގެ މީހުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހުއްޓުވައި ސުލްޙަ ގާއިމްކުރުމަށް އދ. ންދީފައިވާ ހުއްދައިގެ ދަށުން އެގައުމުގައި މިހާރުތިބި ކަމަށްވަނީ 700 އެއްހާބޭރު ސިފައިންނެވެ. މީގެ ތެރޭގައި ހިމެނެނީ ފަރަންސޭސި ސިފައިންނާއިއެފްރިކާގެ އިއްތިޙާދަށް ނިސްބަތްވާ ސިފައިންނެވެ.ބްރަސަލްގައި އިއްޔެ ފެށުނު ޔޫރަޕާއި އެފްރިކާގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ޔުރަޕްގެ ގައުމުތަކުގެ ލީޑަރުން ވަނީ ސެންޓްރަލް އެފްރިކަންރިޕަބްލިކްގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވައި އެގައުމުގައި ސުލްޙަ ގާއިމްކުރުމަށް އެހީތެރިވުމުގެ ގޮތުން ޔޫރަޕްގެ ގައުމުތަކުގެ އެއް ހާސް ސިފައިން ހިމެނޭ ލަޝްކަރެއް އެގައުމަށް ފޮނުވާނެކަން އިއްލާން ކުރައްވާފަ އެވެ.

ބްރަސަލްސްގެ ސަމިޓް ބައްދަލުވުމުގައި އެފްރިކާގެ 15 ގައުމެއްގެ އިސްވެރިންނާއި ވިލާތުގެ 15 ގައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަ އެވެ. ނަމަވެސް ޔޫރަޕްގެ ސިފައިންގެ ގިނަބަޔަކީ ނަސާރާއިންނަށް ވެފައި ސެންޓްރަލް އެފްރިކަންރިޕަބްލިކްގައި މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަނީވެސް ނަސާރާ މިލީޝިޔާތަކުން ކަމަށްވާތީ ޔޫރަޕްގެ ބާރުތަކަށް މުސްލިމުން ޙިމާޔަތް ކުރެވިދާނެ ކަމުގެ ސުވާލުވަނީ އުފެދިފަ އެވެ.

އދ. ން ވަނީ ފާއިތުވި ތިންމަހެއްހާ ދުވަހުގެ ތެރޭގައި ސެންޓްރަލް އެފްރިކަންރިޕަބްލިކްގެ މުސްލިމުން ނާ ދެކޮޅަށް ހިންގާފައިވާ ނަސްލު ނައްތާލުމުގެ އަނިޔާވެރި އަމަލުތަކާއެކު ސެންޓްރަލް އެފްރިކަންރިޕަބްލިކްގެ ބައިމަދު މުސްލިމުންގެ ގިނަބަޔަކު އަވަށްޓެރި ގައުމުތަކަށް ހިޖްރަ ކުރުމުގެ ސަބަބުން އެގައުމުގެ މުސްލިމް އާބާދީ ވުޖޫދުން މުޅިން ފުހެވިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމުގެ އިންޒާރު ދީފައެވެ.ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުން މަރައި އެމީހުންނާ މިގޮތުން މުސްލިމް އެތަށް ޢާއިލާއެއްގެ އެތަށްބަޔަކުވަރަށް އަނިޔާވެރިކޮށް މަރާލުމަށްފަހު އެމީހުންގެ ހަށިތައް ސިއްރިޔާތުގައި ވަޅުލާފައިވާ ބޮޑު ކަށްވަޅެއްވެސްވެރިރަށް ބާންގީން ދާދިފަހުން ވަނީ ފެނިފަ އެވެ.

ނަސާރާ އިންގެ މިފަދަ އަނިޔާވެރި އަމަލުތަކަށް ކެތްނުކުރެވިގެން ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް މުސްލިމުންގެ އެތައް ލައްކަބަޔަކު ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަވަށްޓެރި ޗާޑް އަށާއި ކެމެރޮންއަށް ހިޖްރަކޮށްފައިވާ ކަމަށް އދ. ން ބުނެއެވެ. (ނޫސްއެޖެންސީތައް)