02 Apr 2014, 23:47
ގަވާއިދާ ހިލާފަށް 18 އަހަރުން ދަށުގެ ކުޅުންތެރިން ހޯދާފައިވާތީ، ކުރިއަށް އޮތް ދެ ޓްރާންސްފާ ޕީރިއަޑުގައި އެއްވެސް ކުޅުންތެރިއެއް ބާސާ އަށް ނުގެނެވޭނެ ގޮތަށް ފީފާ އިން ނިންމައިފި އެވެ.
މި މައްސަލަ ބަލަން ފުރަތަމަ ފެށީ ފީފާ ޓްރާންސްފާ މާޗިން ސިސްޓަމް (ފީފާ ޓީއެމްއެސް) އިންނެވެ. މިދިޔަ އަހަރު ބާސާގެ ހަރަކާތްތަކަށް ފީފީ ޓީއެމްއެސް އިން ބެލުމަށް ފަހު، އެ މައްސަލަ ފަހުން ބަލަން ފެށީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ.
ސާދަ މަސްދުވަހަށް އެއްވެސް ކުޅުންތެރިއެއް ބާސާ އަށް ނުގެނެވޭނެ ގޮތަށް ފީފާ އިން ނިންމީ އިންޓަނޭޝަން ޓްރާންސްފާ އާއި ސްޕެއިން އަށް ނިސްބަތް ނުވާ ކުޅުންތެރިން ކްލަބަށް ގެނައުމުގައި ގަވާއިދާ ހިލާފުވުމުންނެވެ. އޭގެ އިތުރުން ބާސާ އިން ގައުމީ މުބާރާތްތަކުގައި ކުޅުންތެރިން ބައިވެރި ކުރުވާފައި ވަނީ ގަވާއިދާއި ހިލާފަށް ކަމަށް ވެސް ފީފާ އިން ނިންމާފައިވެ އެވެ.
ފީފާ ޓްރާންސްފާ ގާނޫނާއި ހިލާފަށް ބާސާ އިން ދިހަ ކުޅުންތެރިން ގެނެސްފައިވާތީ ފީފާ އިން ވަނީ 14 މަސް ދުވަހަށް ޓްރާންސްފާގެ ދަށުން އެއްވެސް ކުޅުންތެރިއެއް ނުގުނެވޭނެ ގޮތަށް ހަމަޖައްސައި، 509،000 ޑޮލަރުން އެކްލަބު ޖޫރިމަނާ ކޮށްފަ އެވެ.
ފީފާގެ މި ނިންމުމާއި ގުޅިގެން ބާސާ އަށް ގިނަ ހުރަސްތަކަކާއި ކުރިމަތިވާނެ އެވެ. އެގޮތުން އެންމެ ބޮޑު ހުރަހެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ އަންނަ ސީޒަނުގައި ގޯލްކީޕަރު ވިކްޓާ ވަލްޑޭސްގެ ބަދަލުގައި ގެންނަ އާ ގޯލް ކީޕަރު ގެނައުމަށް ހުރަސް އެޅިގެން ދިއުމެވެ.