02 Apr 2014, 21:38
ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް ދޫކުރާ ޓާޝިއަރީ އެޑިއުކޭޝަން ލޯނަށް ހުށަހެޅުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.
މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު ގެޒެޓް ކުރެވުނު ޓާޝަރީ އެޑިއުކޭޝަނަށް ދޫކުރި ލޯނާ ބެހޭގޮތުން އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި ލޯނު އެހީގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންގެ އިތުރުން ރާއްޖޭގައި ކިޔަވަމުންދާ އަދި ކުރިއަށް ކިޔަވަން ބޭނުންވާ ކުދިންނަށް ވެސް ލޯނުގެ އެހީ ހުޅުވާލެވިފައިވާ ކަމަށެވެ.
އެޑިއުކޭޝނުން ބުނީ، "އޮންގޮއިން"ގެ ނަމުގައި ނޭޝަނަލް ސްޓޫޑަންޓް ލޯނު ސްކީމްގެ ފަރާތުން ރާއްޖެއާއި ރާއްޖޭން ބޭރުގައި މިހާރު މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ލޯނު އެހީ ދޭގޮތަށް ހަމަޖެހި ފޯމް ދޫކުރާނެ ކަމަށާއި މަތީ ތައުލީމަށް ކިޔަވާ ކުދިންނަށް ޓިއުޝަން ފީ ދެއްކުމަށް ވެސް ލޯނު ދޫކުރާ ގޮތަށް ނިމި އެ ލޯނުތަކަށް ވެސް މި ސްކީމުގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
"މި ލޯން އެހީގެ ދަށުން ރާއްޖޭގައި އަލަށް ޑިގްރީ އަށް ކިޔަވަން ފަށަން ބޭނުންވާ ކުދިންނަށް ޖުމްލަ 100 ފުރުސަތު ހުޅުވާލާފައިވެ އެވެ. އަދި ރާއްޖޭގައި މާސްޓާސް ހަދަން ބޭނުންވާ ދަރިވަރުންގެ ތެރެއިން 50 ދަރިވަރަކަށް ލޯން އެހީ ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު، ރާއްޖޭން ބޭރުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް 80 ފުރުސަތު ހުޅުވާލާފައިވެ އެވެ. މީގެ އިތުރުން، ޓިއުޝަން ފީ ދެއްކުމަށް ލޯން އެހީގެ ގޮތުގައި 150 ފުރުސަތު އިއުލާންކޮށްފައިވެ އެވެ. އަދި މިހާރު ވެސް ކިޔަވަމުންދާ ފުލްޓައިމް ކޯސްތަކަށް ޖުމްލަ 220 ފުރުސަތު ހުޅުވާލާފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
"އޮންގޮއިން ކޯސްތަކަށް ހުށަހަޅާ ފޯމުތަކަކީ ފުލްޓައިމް ކޯސްތަކަށް ދޫކުރާ ލޯނުތަކެކެވެ. ރާއްޖޭން ބޭރުގެ ކޯހަކަށް ލޯނަށް އެދި ހުށަހަޅާ ކޯސްތަކަކީ މި ލޯނު ސްކީމުގައި ދޫކުރަން ހަމަޖެހިފައިވާ ގައުމުތަކުގެ ތެރެއިން ގައުމެއްގައި ކިޔަވަން އެދި ހުށަހަޅާ ފޯމެއްތޯ ބެއްލެވުމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކާޝަން އިން އިލްތިމާސްކުރެ އެވެ. މި ހުރިހާ ލޯނުތަކަކީ ވެސް ތަފާތު ދާއިރާތަކަށް އަމާޒުކޮށްގެން ހުޅުވާލެވިފައިވާ ފުރުސަތުތަކެކެވެ. ލޯނު ދިނުމުގައި މިހާރު ދިވެހިރާއްޖެ އަށް މީހުން ތަމްރީން ކުރުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކަށް އިސްކަން ދެވޭނެ އެވެ." އެޑިއުކޭޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ދޫކުރާ ލޯނަށް ހުށަހެޅުމުގެ ފުުރުސަތު މި މަހުގެ 28، 29 އަދި 30 ވަނަ ދުވަހު ހެނދުނު 9:00 އިން މެންދުުރު ފަހު 2:45 އަށް ހުޅުވާލެވިފައިވާ އިރު، ޓިއުޝަން ފީ ދެއްކުމާއި ފުލް ފަންޑިން އަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ޖޫން 15 އިން 18 އަށް ހެނދުނު 9:00 އިން މެންދުުރު ފަހު 2:45 އަށެވެ. މި ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ވެލާނާގެ ދެވަނަ ފަންގިފިލާއިންނެވެ.