އޭއެފްސީ ކަޕްގެ ގްރޫޕް އީގައި އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އަތުން 2-0 ލަނޑުން ބަލިވެ، ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އެ މުބާރާތުގެ ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު ކޮޅަށް އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާއިން ލަނޑު ޖަހައި މެޗުގެ ލީޑް ނަގައިދިނީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން ބޯއާޒް ސޯލޯސާ އެވެ. އަދި މެޗުގައި ނިއު ކޮޅަށް ޖެހި ދެ ވަނަ ލަނޑު ވެސް ޕެރްސިޕޫރާއަށް މެޗުގެ 69 ވަނަ މިނެޓުގައި ޖަހައިދިނީ ބޯއާޒް އެވެ.

މިއަދުގެ މެޗުގައި ނިއުއަށް ވެސް ލަނޑު ޖަހާނެ ދެތިން ހަތަރު ފުރުސަތެއް ލިބުނު ކަމަުގައި ވިޔަސް، އެފުރުސަތުތައް ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިމުބާރާތުގައި ނިއުރޭޑިއަންޓު މިދިޔަ މަހުގެ 18 ވަނަ ދުވަހު އިންޑޮނޭޝިއާގައި ޕެރްސިޕޫއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައި ވަނީ 3-0 ލަނޑުންނެވެ.

މިއަދުގެ މެޗުން ނިއު ބަލިވުމުން ގްރޫޕް ސްޓޭސްޖްގައި އެޓީމް އޮތީ ތިން ޕޮއިންޓާއެކު ގްރޫޕުގެ ފުލުގަ އެވެ. ގްރޫޕްގެ އެއް ވަނަ މަގާމްގައި 10 ޕޮއިންޓާއެކު އޮތީ މިއަދުގެ މެޗުން މޮޅުވި ޕެރްސިޕޫރާ ޖަޔަޕޫރާ އެވެ. ގްރޫޕްގެ ދެ ވަނަ މަގާމްގައި ހަ ޕޮއިންޓާއެކު އޮތީ އިންޑިއާގެ ޗާޗިލް ބްރަދާސް އެވެ. އަދި މިއަދު ޗާޗިލް ބްރަދާސް އަތުން 2-1 އިން މޮޅުވެ ގްރޫޕްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސިންގަޕޫރުގެ ހޯމް ޔުނައިޓެޑެވެ.

މެޗަށް ފަހު ނިއުގެ ކޯޗް ސައިމަން ބުނީ، ޓީމުގެ ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި ކުރިއަށް އޮތް ދެމެޗުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ބުރަމަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ޕެރްސިޕޫރާ ޖަޔަޕޫރާގެ ކޯޗް ބުނީ، ނިއުއަތުން ރަށުން ބޭރުގައި ކުޅެ ތިން ޕޮއިންޓު ލިބުމުން ވަރަށް އުފާވާ ކަމަށާއި މިއަދުގެ މެޗުގައި އޭނާގެ ޓީމުން ދެއްކި މޮޅު ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށެވެ. އަދި މިއަދުގެ މެޗުން މޮޅުވުމުން މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ކުރަމުން އައި އުންމީދުތައް ހާސިލް ވެއްޖެ ކަމަށް ޕެރްސިޕޫރާގެ ކޯޗް ބުންޏެވެ.

މިމުބާރާތުގައި ނިއު ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ މިމަހުގެ ނުވަ ވަނަ ދުވަހު ސިންގަޕޫރުގެ ހޯމް ޔުނައިޓެޑާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ސިންގަޕޫރުގަ އެވެ. ގްރޫޕް ސްޓޭޖްގައި ނިއު ކުޅޭ އެންމެ ފަހު މެޗުގައި މިމަހުގެ 23 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ނިކުންނާނީ އިންޑިޔާގެ ޗާޗިލް ބްރަދާސްއާ ދެކޮޅަށެވެ.