ރައްޔިތުންނަށް ހިދުމަތްދިނުމުގަ އާއި ސަރުކާރުން ކަނޑައަޅާ މަޝްރޫއުތައް ތަންފީޒުކުރުމުގައި، ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންވެސް އެއިރެއްގައި ރައްޔިތުން ހޮވާފައި ތިބޭ ކައުންސިލަރުންނާ ގުޅިގެން ގަދަ ހިތްވަރާއެކު މަސައްކަތް ކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. މުހައްމަދު ލަތީފް އިލްތިމާސްކޮށްފި އެވެ.

ހދ. އަތޮޅުގެ ރައްރަށުގެ ސިވިލް ސާވިސް އިދާރާތަކުގެ ހާލަތާއި އެތަންތަނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ސީއެސްސީގެ ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ 11 ރަށެއްގެ ސިވިލް ސާވިސް މުވައްޒަފުންނާއި، ކައުންސިލަރުންނާ ބައްދަލުކުރައްވައިފަ އެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ކުރައްވަމުން ގެންދަވާ ފަސް ދުވަހުގެ ދަތުރުފުޅުގައި ހދ. އަތޮޅުގެ ސިވިލް ސާވިސް އިދާރާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ސީއެސްސީގެ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްދިނުމުގައި ހުރިހައި މުވައްޒަފުންވެސް ގުޅިގެން އެއް ރޫހެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ދައުލަތުގެ ހުރިހާ ހިދުމަތްތަކަކީ އެއް ހިދުމަތެއް. ހުރިހާ މުވައްޒަފުންވެސް މަސައްކަތްކުރައްވަމުން ގެންދަވަނީ އެއް އަމާޒަކަކަށް، އެއް ލަނޑުދަނޑިއެއް ހާސިލްކުރުމަށް ކަމަށްވާއިރު، ދައުލަތުގެ ވަޒީފާއަށް ވަންނަ ދުވަހުން ފެށިގެން ރައްޔިތުންނަސް ހިދުމަތް ދިނުމުގައި، ހުރިހާ ސިވިލް ސާވިސް މުވައްޒަފުންވެސް އެއިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ މަޝްރޫއުތައް ތަންފީޒުކުރުމުގައި، އެއިރެއްގައި ރައްޔިތުން ކަނޑައަޅާ ކައުންސިލަރުންނާއެކު ގުޅިގެން ގަދަ ހިތްވަރާއެކު މައްސައްކަތް ކުރަންޖެހޭ،" ޑރ. ލަތީފު ވިދާޅުވި އެވެ.

ސީއެސްސީގެ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްދިނުމުގައި ތައައްސުބުން އެއްކިބާވެ، ވަފާތެރިކަމާއި އޯގާތެރިކަމާއި އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮދިނުމުގައި ވަގުތުން ވަގުތަށް، ގަޑިން ގަޑިއަށް ނިންމަންޖެހޭ ކަންކަން ފަސްކުރުމެއް ނެތި، ބާރު ސްޕީޑުގައި ނިންމަވައި ދެއްވުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ސިވިލް ސާވިސް މުވައްޒަފުން އޮފީހަށް ހާޒުރުވުމުގައި ފަރުވާތެރި ވުމަށާއި، ބަލިނުވެ ސަލާމް ބުނުމަކީ މުވައްޒަފުންނަށް ލިބިގެންވާ ހައްގެއް ނޫންކަން ފާހަގަކުރައްވައި ޑރ. ލަތީފު ވިދާޅުވީ، އެގޮތަށް މުވައްޒަފުން ސަލާމްބުނުމުން ދައުލަތަށް މާލީގޮތުންނާއި ހިދުމަތުގެ ގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށާއި އަދި އެކަން އެގޮތަށް ނުކުރެއްވުމަށް ހުރިހާ މުވައްޒަފުންނަށް ވެސް އިލްތިމާސް ކުރައްވާ ކަމަށެވެ.

ސީއެސްސީއިން ކުރި ދިރާސާއެއްގައި، ހަފްތާގެ ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހު ބައެއް މުވައްޒަފުން އޮފީހަށް ސަލާމް ބުނަމުން ގެންދާކަން ފާހަގަކުރައްވައި ސީއެސްސީގެ ރައީސް ވިދާޅުވީ، ބަލުނުވެ ސަލާމް ބުނަމުން ގެންދާ މުވައްޒަފުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަތައް ކުޑަކަމުގެ މައްޗަށްވެސް އެ ކޮމިޝަންގެ ރައީސް ވަނީ، އަލިއަޅުއްވައި ލައްވަވައިފަ އެވެ. އެގޮތުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ބޮލަކަށްޖެހޭ ޖީޑީޕީ އާއި ފަރުދީ މުސާރަތަކާ އަޅާބަލާއިރު މުރާޖައާ ކުރަން ޖެހިފައިވާކަމަށް ވިދާޅުވި އެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޑރ. ލަތީފު ވިދާޅުވި އެވެ.