02 Apr 2014, 17:34
ރާއްޖޭގެ ކުންފުންޏަކާ ދުބާއީގެ ދެ ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ސީލައިފް ގްލޯބަލް އިންކް އިން ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ 3000 ހައުސިން ޔުނިޓްގެ ބިންގާ ރައީސުލް ޖުމްހޫރިއްޔާ އަޅުއްވައިދެއްވައިފި އެވެ.
ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި، ގޯތިގެދޮރުގެ މައްސަލަތަކަށް ހައްލެއް ހޯދައި ދެއްވުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި ހައުސިން މަޝްރޫއުތަކާ ބެހޭ ޕްރޮގްރާމްތަކަށް އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ޔޫތު ވިލެޖަކަށް ހުޅުމާލެ ވެގެންދާއިރު ޒުވާނުން ގެދޮރުވެރި ކުރުމުގެ ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، މެދު ފަންތިއާއި މަތީ ފަންތިއަށް އަމާޒުކޮށްގެން އާޅާ 10 ބުރި އާއި 12 ބުރީގެ ހައުސިން ޔުނިޓްތައް އެޅުމުގެ މަޝްރޫގެ މަސައްކަތް ފަސް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށެވެ. މި ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރިއާއި ދެ ކޮޓަރި އާއި ތިން ކޮޓަރި އަދި ހަތަރު ކޮޓަރީގެ ހައުސިން ޔުނިޓުތަކެވެ.
މީގެއިތުރުން ހުޅުމާލޭގައި މި ހައުސިން ޔުނިޓްތައް އިމާރާތްކޮށް ނިމޭއިރު ސީލައިފްގެ ފަރާތުން އެ ސަރަހައްދުގައި 12 ބުރީގެ އޮފީސް އިމާރާތެއް ވެސް އެޅުމަށް ވަނީ ހަމަޖައްސައިފަ އެވެ. މި އޮފީސް އިމާރާތް އެޅުމަށް ހަމަޖައްސާފައި ވަނީ 1500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތެއްގެ ގޮތުގަ އެވެ.