02 Apr 2014, 16:53
"މާލެ ސިޓީ ނައިޓް މާކެޓް 2013 "ހިންގަން ގޯ މީޑިއާ އަށް ހަވާލުކުރުމުގައި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އަހްމަދު ހަމީދު (ފްލައި) އާއި އަހްމަދު ޝަމާހް ރަޝީދުގެ އިތުރުން އެ ކައުންސިލްގެ ބައެއްގެ މުވައްޒަފުންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް މައްސަލައެއް ފޮނުވައިފި އެވެ.
އޭސީސީ އިން މާލެ ސިޓީ ކައުންސިލަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ކުރީގެ ތިން މެންބަރެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފޮނުވީ "މާލެ ސިޓީ ނައިޓް މާކެޓް 2013 "ހިންގަން " ގޯ މީޑިޔާ"އާ ހަވާލުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާކަން އެ ކޮމިޝަނުން ކުރި ތަހްގީގުން ސާބިތުވާތީ ކަމަށެވެ.
އޭސީސީން ބުނެފައި ވަނީ މިދިޔަ އަހަރު މާލެ ސިޓީ ކައުންސިލުން ނައިޓް މާކެޓް ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކުރުމުން ޕްރޮޕޯސަލް ހުށަހަޅަހަޅާފައިވާ އެކި ފަރާތްތަކަކީ އެއްބަޔަކު ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތަކެއް ކަމަށާއި އަދި އެކި އަގުތައް ހުށަހަޅާފައި އޮތީ ވާދަވެރިކަން ދެއްކުމަށް ކަމަށް އެ ކޮމިޝަނުން ކުރި ތަހުގީގުން އެނގެން އޮތް ކަމަށެވެ. ނަމަވެސް ޕްރޮޕޯސަލްތައް ބަލައިގަތީ ޕްރޮޕޯސަލް އިވެލުއޭޓްކުރީ އޭގެ މިންގަނޑު ބަދަލުކޮށްގެން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން އެ ކޮމިޝަނުން ބުނެފައި ވަނީ ގޯ މީޑިޔާ އަށް ތަޖުރިބާގެ ބަޔަކަށް ކަނޑައެޅިފައިވާ ފުލް މާކްސް ދީފައިވާ އިރު އެ ކުންފުނިން ތަޖުރިބާގެ އެއްވެސް ލިޔުމެއް ހުށަހަޅާފައިނުވާ ކަމަށާއި އަދި އެ އެއީ ނައިޓް މާކެޓް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާނު ކުރުމުގެ އަށް ދުވަސް ކުރިން އުފައްދާފައިވާ ކުންފުންޏެއް ކަން އެ ކޮމިޝަނުން ކުރި ތަހްގީގުން އެނގޭ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުން ނައިޓް މާކެޓް ހިންގުމަށް ހުށަހެޅި ޕްރޮޕޯސަލް އިވެލުއޭޓު ކުރި ކޮމެޓީގައި ހިމެނުނު އެ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު އާއިޝަތު ޖުމާނާ މުހައްމަދު ރަޝީދާއި އެސިސްޓެންޓް ޑިރެކްޓަރު މިޒްހަތު ނައީމުގެ އިތުރުން މާލެ ސިޓީ ކައުންސިލާ ގޯ މީޑިޔާގެ ދެމެދުވި އެއްބަސްވުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވި އެ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު އަންވަރުގެ މައްޗަށް ވެސް ކޮރަޕްޝަނުގެ ދައުވާ ކޮށްދިނުމަށް ފޮނުވާފައިވާނެ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އޭސީސީގެ މި ނިންމުމާ ގުޅިގެން ނައިޓް މާކެޓް ހިންގުމަށް މާލެ ސިޓީ ކައުންސިލާއި ގޯ މީޑިޔާއާ މެދެދުކޮށްފައިވާ އެއްބަސްވުމަކީ ބާތިލު އެއްބަސްވުމެއް ކަމަށް ނިންމައި އެ ނިންމުން ކުރިއަށް ނުގެންދަން މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމައިފަ އެވެ.