23 Dec 2010, 13:08
އަރަބިއްޔާ ސްކޫލާމެދު ސަރުކާރުން އަމަލް ކުރަމުންދާ ގޮތާމެދު ބައެއް ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އަދާލަތު ޕާޓީން ދެކޭގޮތް ހާމަކުރުމަށް އެޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނަނީ އަރަބިއްޔާއަށް ކުރީގެ ސަރުކާރުން ދެއްވާފައިވާ ބިން އަލުން ސަރުކާރަށް ނަންގަވައި ވަކި ބަޔަކަށް ފައިދާތަކެއް ވާނެ ގޮތަށް އެބިން ބޭނުން ކުރެއްވުމަށް ނިންމެވި ނިންމެވުމުން އަރަބިއްޔާގެ ދަރިވަރުން ހައްގުތަކަކުން މަހުރޫމުވެފައިވާ ކަމަށާއި އެހެން ސުކޫލުތަކުގެ ދަރިވަރުންނެކޭ ވެސް އެއްގޮތަށް އަރަބިއްޔާގެ ދަރިވަރުންނަށް ވެސް ކިޔެވުމުގައި ހަމަހަމަ ފުރުސަތުތަކެއް ލިބެން ޖެހޭ ކަމަށެވެ.
".. ކުރީގެ ސަރުކާރުން އަރަބިއްޔާ އަށް ދީފައިވާ ބިން، ވަކި ބައެއްގެ އުންމީދަކަށް ޓަކައި ފްލެޓް އަޅައި، ނުވަތަ ވިޔަފާރި މަރުކަޒަކަށް އެތަން ހެދުމަށް އެބިން ނަގައި، އެދަރިވަރުންގެ ޙައްޤުތައް ނިގުޅައިގަތުމަކީ ވަރަށް ބޮޑު ގައުމީ ހިޔާނާތެކެވެ. މިހެންކަމުން ދިވެހި ސަރުކާރު ހަމަ މަގަށް އައުމަށާއި މިނިސްޓަރު އޮފް އެޑިއުކޭޝަން ހެޔޮ ވިސްނުމަށް ތިރިވެވަޑައިގެން، އަރަބިއްޔާގެ ބެލެނިވެރިންގެ އަޑު އެއްސެވުމަށް ގޮވާލަމެވެ،" އަދާލަތުގެ ބަޔާނުގައިވެ އެވެ.
ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގައުމުގެ އިސްލާމީ ކުރިބޯށިތައް ފުނޑުފުނޑުވެގެންދާ މަންޒަރު ބަލަން ގިނަ ދުވަހު ތިބުމަކީ އަދާލަތަށް ތަހައްމުލްކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.
އަރައްބިއްޔާ މައްސަލާއާ ގުޅިގެން ޑީއާރުޕީން ނައިބު ލީޑަރު އުމަރު ނަސީރާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހުލޫފު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ އަރަބިއްޔާގެ ބެލެނެވެރިން މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބައްދަލު ކުރައްވަން ރައީސް އޮފީސް ދޮށަށް އެއްވުމުން، ފުލުހުން ބާރުގެ ބޭނުގެކޮށްގެން އެއްވުން ރޫޅާލުމަކީ އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށެވެ.
މަހުލޫފު ވިދާޅުވީ އަރަބިއްޔާ މައްސަލައާ ގުޅިގެން މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން މުޒާހަރާއެއް ބޭވުމާމެދު މިރޭ މަޝްވަރާ ކުރާނެ ކަމަށެވެ. އަދި މުޒާހަރާ ކުރާނެ ދުވަހަކާއި ތަނެއް ފަހުން އިއުލާން ކުރާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
އަރަބިއްޔާ ސްކޫލް ނައްތާލާ، ރާއްޖޭގެ އިސްލާމީ ޝަހްސިއްޔަތު ހަލާކުކޮށް ސަރުކާރުން ލާދީނީ އަމަލްތަކެއް ހިންގާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން ހިންގާ ލާދީނީ އަމަލްތަކަކީ ބޭރުގެ ނުފޫޒުތަކާ ގުޅިގެން ހިންގާ ކަންތައްތަކެއް ކަމަށާއި އަރަބިއްޔާގެ މައްސަލައަކީ ވެސް އެފަދަ ވިސްނުމެއްގައި ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ.
އަރަބިއްޔާގެ ބެލެނެވެރިން ސުލްހަވެރިކަކާއިއެކު ރައީސް އޮފީސް ދޮށަށް އެއްވުމުން އެ މީހުންނާމެދު ރައީސް އޮފީހުން މުއާމަލާތް ކުރިގޮތް ވެސް ޖުމްހޫރީ ޕާޓީން ކުށްވެރިކޮށްފައިވެ އެވެ.