02 Apr 2014, 16:43
މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ވޯޓް ގަނެވިއްކުމުގެ އަމަލުތައް ގިނައިން ހިންގި އިންތިހާބެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އިން ތުހުމަތުކޮށްފި އެވެ.
އެމްޑީޕީން މިތުހުމަތު ކުރީ މިއަދު ނެރުނު ބަޔާނެއްގަ އެވެ.
"ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ކޮރަޕްޝަނާއި، ވަޒީފާގެ ބިރުދެއްކުމާއި، އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ގެއްލުވާލައި އެކޮމިޝަނުގެ ޤާނޫނީ ބާރު ކަނޑުވާލުމާއި، އަދި ބޮޑެތި އަދަދުތަކުން ރިޝްވަތުގެ ހުތުރު ފައިސާ ހުށަހަޅައިގެން ވޯޓު ގަނެ ވިއްކުމުގެ އަމަލުތައް އިންތިހާ ދަރަޖައަށް ހިންގާފައިވާ ކަމަށް ގިނަ ރައްޔިތުން ބުނާ، އަދި އެކަމުގެ ހެކި ފެންނަން އޮތް އިންތިޚާބެކެވެ،" އިންތިހާބު ބޭއްވިތާ 12 ދުވަސް ފަހުން އެމްޑީޕީ އިން ނެރުނު ބަޔާނުގައިވެ އެވެ.
ބަޔާނުގައި އަދި ބުނެފައި ވަނީ އެކަން އިތުރަށް ބަލައި ފިޔަވަޅު އެޅެން ހުރި ގޮތްތައް ހޯދާނެ ކަމަށެވެ. އަދި އެކަން ބަލައި ފިޔަވަޅު އަޅައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އެޕާޓީން ވަނީ ގޮވާލާފަ އެވެ.
"... އެހެންކަމުން، މި ޕާޓީން މިކަންކަން އިތުރަށް ބަލައި އަދި މިކަމުގައި ފިޔަވަޅު އެޅެންހުރި ގޮތްތައް ހޯދަމުންދާނޭކަމުގައި ދަންނަވަމެވެ. އަދި އިލެކްޝަންސް ކޮމިޝަނުންނާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން މިކަންކަން ބައްލަވައި ވަގުތުން ވިޔަވަޅު އެޅުމަށް މިޕާރޓީން ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބުވީ ސަބަބުތައް ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް އެޕާޓީން ކުރިން ވަނީ ބުނެފަ އެވެ. ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ވަގުތީ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވެފައި ވަނީ ޕާޓީ އަށް ނާކާމިޔާބު ވުމުގައި ލީޑަޝިޕްގެ އިހުމާލު އޮތް ކަން ގަބޫލުކުރައްވާ ކަމަށެވެ.
"އެހެން ގަބޫލު ކުރަން ނޫންތޯ ޖެހޭނީ. ޕާޓީއެއްގެ ލީޑާޝިޕުގައި ހުންނަ ކަމަށް ވަނީ ވިއްޔާ ލިބޭ ކާމިޔާބީއަކީ ވެސް އަދި ނާކާމިޔާބީއަކީ ވެސް އެކަމެއްގައި މަސައްކަތް ކުރަން އުޅޭ ބަޔަކު އެކަމާ ޒިންމާވާންޖެހޭނެ ކަމެއް،" ރައީސް ނަޝީދު އޭރު ވިދާޅުވި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ތިން ޕާޓީއާ ވާދަކޮށް އެމްޑީޕީ އަށް ކާމިޔާބު ކުރެވިފައި ވަނީ 26 ގޮނޑި އެވެ. އަދި އޭގެ ތެރެއިން އެއް ގޮނޑިއަށް ހޮވުނު މެމްބަރު (ތިމަރަފުށީ ދާއިރާއަށް ހޮވުނު މުހައްމަދު މުސްތަފާ ) މިހާރު ވަނީ އެ ޕާޓީ ދޫކޮށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ( ޕީޕީއެމް) އާ ގުޅިފަ އެވެ.