02 Apr 2014, 16:34
ޕެންޝަން ފަންޑަށް ދިރާގުގެ 500،000 ހިއްސާ ސެކަންޑްރީ މާކެޓުގައި ގަނެފި އެވެ.
ޕެންޝަން އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ ސެކަންޑަރީ މާކެޓުން ދިރާގުގެ 500،000 ހިއްސާ ގަނެއްފައި ވަނީ ހިއްސާއެއް 80ރ.ގެ ރޭޓުން 40 މިލިއަން ރުފިޔާ އަށް ކަމަށެވެ.
ޕެންޝަން އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެއީ ޕެންޝަން އޮފީހުން ސެކަންޑްރީ މާކެޓްގައި ކުރި ފުރަތަމަ މުއާމަލާތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ މުއާމަލާތްތައް ކުރެވިގެންދާނެ ކަމަށެވެ.
"ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް އަސާސަކީ މެންބަރުންނަށް އެންމެ ފައިދާވާ ގޮތެއްގައި ރިސްކާއި ލިކުއިޑިޓީ އަށް ބެލިގެން އިންވެސްޓްކުރުން" ޕެންޝަން އޮފީހުން ބުންޏެވެ.
އަލަށް ގަތް ހިއްސާއާ އެކު ޕެންޝަން ފަންޑުން ގަނެފައިވާ ދިރާގު ހިއްސާގެ އަދަދު ވަނީ 1750000 އަށް އަރައިފަ އެވެ.
ޕެންޝަން ފަންޑު އިންވެސްޓް ކުރުމަށްޓަކައި މިހާރު ވަނީ އެޗްޑީއެފްސީ އިން ސުކޫކް އާއި ބޮންޑް ވެސް ގަނެފަ އެވެ. އަދި ސަރުކާރުން ޓީބިލުސް ވެސް ގަނެފައިވެ އެވެ.