02 Apr 2014, 15:54
މަރލްބޮރޯ ސިގިރޭޓު ފަދަ ދުންފަތުގެ އުފެއްދުންތައް އުފައްދާ މަލްޓިނޭޝަނަލް ކުންފުނި ފިލިޕް މޮރިސްގެ އޮސްޓްރޭލިއާގައި ހުންނަ ކާރުޚާނާ ބަންދު ކުރާން ހަމަޖެހިފައި ވާ ކަމަށް އެ ކުންފުނީން ހާމަ ކޮށްފިއެވެ.
އޮސްޓްރޭލިއާގައި ހުންނަ ފިލިޕް މޮރިސްގެ ސިގިރޭޓު އުފައްދާ ކާރުޚާނާ ހުންނަނީ އެ ގައުމުގެ މޯރެބިންގައެވެ. އެ ކާރުޚާނާއިން ސިގިރެޓު އުފެއްދުމުގެ މަސައްކަތް ކުރާތާ 60 އަހަރު ވަނީ ވެފައެވެ.
ފިލިޕް މޮރިސްގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި، މޮރޭބިންގެ ކާރުޚާނާ ބަންދު ކުރުމާ ގުޅިގެން 180 ވަޒީފާ ގެއްލޭނެއެވެ.
"މި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއް. އަޅުގަނޑުމެންގެ މުއައްޒަފުންނަށް މީގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށް ބޮޑު ވާނެ." ފިލިޕް މޮރިސްގެ އޮސްޓްރޭލިއާ، ނިއު ޒީލެންޑް އަދި ޕެސިފިކް ސަރަޙައްދުގެ އޮޕަރޭޝަންތަކުގެ މެނޭޖިންގ ޑިރެކްޓަރ ޖޯން ގްލެޑްހިލް ނެރުއްވި ބަޔާނެއްގައި ވެއެވެ.
އޮސްޓްރޭލިއާގައި ހުންނަ ކާރުޚާނާ ބަންދު ކުރަނީ އެ ގައުމުގެ ސަރުކާރުން، ސިގިރޭޓު އުފެއްދުމުގެ ސިނާއަތާ ގުޅޭގޮތުން އަލަށް ތައާރަފު ކޮށްފައި ވާ ގާނޫނުތަކުގެ ސަބަބުން ކަމަށް ފިލިޕް މޮރިސްގެ އޮފިޝަލުން ބުނެއެވެ.
2010 ވަނަ އަހަރު އޮސްޓްރޭލިއާގެ ޤާނޫނަށް ގެނެވުނު ބަދަލުތަކަކާ އެކު، އެ ގައުމުގައި ސިގިރޭޓު އުފައްދާން ޖެހެނީ ކުރިޔާ ތަފާތު ގޮތަކަށެވެ. އަދި އެގޮތުން ގާނޫނީ ކަނޑައެޅުންތަކާ އެއްގޮތަށް މިހާރު އުފައްދާ ސިގިރޭޓަށް ބޭރުގެ ބާޒާރުތަކުގައި ގަންނަ މީހުންގެ ތަރުހީބު ކުޑަ ކަމަށް ފިލިޕް މޮރިސް ކުންފުނީން ބުނެއެވެ. އޮސްޓްރޭލިއާގައި އުފައްދާ ސިގިރޭޓު އެހެން ގައުމުތަކުގެ ބާޒާރަށް އެކްސްޕޯޓް ކުރުމުގައި ދަތިތަކެއް ދިމާ ވެފައި ވާ އިރު، އޮސްޓްރޭލިއާގައި ސިގިރެޓަށް އޮންނަ ޑިމާންޑް ދަނީ ދުވަހެއް ދުވަހަކަށް ދަށް ވަމުންނެވެ.
"އޮސްޓްރޭލިއާގެ ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ އެކްސްޕޯޓް ބާޒާރަށް ވަރަށް ބޮޑަށް ހިޔަނި އެޅިފައި ވާ އިރު، މޮރޭބިންގައި ހުރި ކާރުޚާނާގައި މިހާރު މަސައްކަތް ކުރެވެމުން ދަނީ އެ ކާރުޚާނާގެ އުފެއްދުންތެރިކަމުގެ ޤާބިލިއްޔަތުގެ ދެބައިކުޅަ އެއްބައި މިންވަރުގައި." ގްލެޑްހިލްގެ ބަޔާނުގައި ވެއެވެ.
2012 ވަނަ އަހަރު އޮސްޓްރޭލިއާގައި ފާސް ކުރެވުނު ޤާނޫނަކާ އެކު، އެ ގައުމު ވަނީ ސިގިރޭޓު ބަންދު ކުރުމުގައި "ޕްލެއިން ޕެކްސް" ދުނިޔޭގައި ފުރަތަމަ ފަހަރަށް ތައާރަފު ކުރި ގައުމަށް ވެފައެވެ. މި އުސޫލުގެ ދަށުން، އޮސްޓްރޭލިއާގައި އުފައްދާ އެއްވެސް ސިގިރޭޓެއް، ފޮށީގެ ބޭރުގައި ކުންފުނީގެ އެއްވެސް ލޯގޯއެއް ރަމްޒެއް، އަދި އެއްވެސް ކުލައެއް ނުބެހެއްޓޭނެއެވެ. އޭގެ ބަދަލުގައި، ފޮށީގެ ބޭރުގައި ޖެހޭނީ ތަސްވީރުތަކާ އެކު، ސިގިރޭޓުން ސިއްހަތަށް ލިބޭ ގެއްލުންތަކުގެ މައުލޫމާތު ލިޔާށެވެ.
ފިލިޕް މޮރިސް ކުންފުނީން ބުނާ ގޮތުގައި، މޮރޭބިންގެ ކާރުޚާނާ ބަންދު ކުރުމަށް ފަހު، އެ ކާރުޚާނާގެ އޮޕަރޭޝަންސް ދެން ކުރިޔަށް ގެންދާނީ ދެކުނު ކޮރެއާގައި ހުންނަ އެ ކުންފުނީގެ ގޮތްޕަށެވެ.