02 Apr 2014, 15:43
ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 ހޯދުމުގެ މަސައްކަތުގައި އިނގިރޭސިވިލާތުގެ ނިއުކްލިއަ ސަބްމެރިންއެއް ބައިވެރިވެއްޖެ އެވެ.
މެލޭޝިއާގެ ނިއު ސްޓްރެއިޓްސް ޓައިމް ބުނީ މެލޭޝިއާ އެއާލައިންގެ ބޯޓް ވެއްޓު ވެއްޓު ކަމަށް ބެލެވިފައިވާ ސަރަހައްދަށް އިނގިރޭސި ކަނޑުގެ ސިފައިންގެ މަނަވަރު އެޗްއެމްއެސް މިހާރު ގޮސްފައިވާ ކަމަށެވެ.
އެމްއެޗް 370 ހޯދުމަށް 26 ގައުމެއްގެ ވަޔާއި ކަނޑުގެ ސިފައިންގެ އިތުރުން މަދަނީ ފަރާތްތައް ހަރަކާތްތެރި ވަމުން އައި ނަމަވެސް ބޯޓާ ގުޅުން ހުރި އެއްވެސް އެއްޗެއް އަދި ނުފެނެ އެވެ. އެހަރަކާތުގައި މަތިންދާބޯޓްފަހަރާއި ކަނޑުބޯޓް ފަހަރު ބައިވެރިވި ނަމަވެސް ސަބްމެރިން އެއް ބައިވެރިވި މިއީ ފުރަތަމަ ފަހަރެވެ.
ބޯޓް ހޯދުމުގައި އިސް ދައުރެއް އަދާކުރާ އޮސްޓްރޭލިއާ އިން އިއްޔެ ވެސް ބުނީ ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
ބޯޓްގެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ކަމަށް މެލޭޝިއާ ފުލުހުންގެ އިންސްޕެކްޓަ ޖެނެރަލް ޚާލިދު އަބޫބަކުރު އިއްޔެ ވިދާޅުވެފައިވާ ކަމަށް ވެސް ނިއު ސްޓްރެއިޓް ޓައިމްސް އިން ބުންޏެވެ. އެ ތަހުގީގުގައި ބަލާ ހަތަރު ދާއިރާ އިން ވެސް ބޯޓުން ދަތުކުރި 227 ދަތުރުވެރިން މިހާރު އިސްތިސްނާ ވެފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެ ތަހުގީގުގައި ހާމަ ނުކުރެވޭނެ މައުލޫމާތުތަކެއް ހުރި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ބޯޓް ހޯދުމަށް އެންމެ ބޮޑު އެހީތެރިކަމަކަށް ވާނެ އެކައްޗެއް ކަމަށްވާ ބްލެކް ބޮކްސްގެ ބެޓްރީގެ ބާރު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ކެނޑޭނެ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.