02 Apr 2014, 13:55
އެ ކުއްޖާގެ އުމުރުން ހަ އަހަރުގައި މަންމަ އާއި ބައްޕަ ވަރިވެއްޖެ އެވެ. އަދި އުމުރުގެ ވަކި ހިސާބަކުން މަންމަ ވެސް ނިޔާވެއްޖެ އެވެ. މަންމައަކާ ނުލައި އެ ކުއްޖާ ބަލައި ބޮޑު ކުރީ އޭނާގެ ބައްޕަ އެވެ. އެކަމަކު މިއަދު އޭނާ ބެލެހެއްޓުމަށް އޭނާގެ ބައްޕަ ވެސް ދެކޮޅެވެ. ސަބަބަކީ މަސްތުގެ ތެރެއަށް "ގެނބިފައި" ހުރުމުންނެވެ.
އުމުރުން 23 އަހަރުގެ އެ އަންހެނުން ކުއްޖާ ހުރީ ކ. ގުރައިދޫ ކައުންސިލްގެ އިދާރާ ބެލުމުގެ ދަށުގަ އެވެ. އޭނާ ހުރި ގެއިން ފިލައިގެން ދިޔުމުން ގޭ މީހުން އޭނާ އެގެއަށް ވައްދަން ބޭނުންނުވީ އެވެ. ފުލުހުންގެ އެހީތެރިކަމަށް ވެސް އޭނާ އެދުނެވެ. އިއްޔެގެ މެންދުރު އޭނާއަށް ކާންދިނީ ކައުންސިލުންނެވެ. ހަވީރު ސައި ދިނީ ފުލުހުންނެވެ. ރޭގަނޑު ކާންދިނީ ވެސް ފުލުހުންނެވެ. ނިންދަވަން ޖެހުނީ ކައުންސިލުގެ އިދާރާގަ އެވެ.
މިއީ އޭނާ ގެއިން ނުކުތް ފުރަތަމަ ފަހަރެއް ވެސް ނޫނެވެ. މީގެ ކުރިން އެތައް ފަހަރަކު އޭނާ ގެއިން ނުކުމެގެން ގޮސްފި އެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި އެތައް ފަހަރު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.
"ވަޒީފާ އަށް ދާ ގަޑި ބަލާފައި ގޭގައި ހުންނަ ކޮންމެ ވެސް ކުއްޖަކާ ޒުވާބުކޮށްފައި ނިކުމެގެން ދަނީ. ހޯދަމުން ދަނިކޮށް ކޮންމެ ފަހަރަކު ވެސް ފެންނަނީ މަސްތުވާތަކެތި ބޭނުންކޮށްގެން ތަނަކަށް ވެއްޓިފައި އޮއްވައި،" އަންހެން ކުއްޖާގެ ބައްޕަ ބުންޏެވެ.
ގޭގައި ބަހައްޓައިގެން އެ ކުއްޖާ އެއްގޮތަކަށް ވެސް ނުބެލޭތީ މިނިސްޓްރީ އޮފް ހެލްތު އެންޑް ޖެންޑާގެ ބެލުމުގެ ދަށަށް ކުއްޖާ ގެންދިޔުމަށް ވެސް ބައްޕަ ވަނީ އެދިފަ އެވެ.
"ޖެންޑާގައި ވެސް އަޅުގަނޑު އެދުނިން އޭނަ ބަލައިދޭން. އެކަމަކު އެމީހުން އަޅައެއް ނުލާ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ދަރިފުޅު "ސްޕޮއިލް" ވެގެން ދިއުމުގެ ކުރިން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި އެދުނު ނަމަވެސް އެހީއެއް ނުލިބުނު ކަމަށެވެ. އަދި އެންމެ ފަހު ބާރުގަދަ މަސްތުވާއެއްޗެއް ބޭނުންކޮށްގެން އޮއްވައި ފެނުނު ދުވަހު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުންދަނިކޮށް ފިލިފަހުން ދަރިފުޅު ހޯދަން ދެން މަސައްކަތް ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރުން ދަރިފުޅު ހަވާލު ކުރަން ބޭނުންވިޔަސް ދެން ހަވާލުވާން ބޭނުންނުވާ ކަމަށް އަންހެން ކުއްޖާގެ ބައްޕަ ބުންޏެވެ.
"ފިލައިގެން ގޮސް އުޅެނިކޮށް ހޯދަމުން ދަނިކޮށް އެފަހަރު ވެސް ފެނުނީ ވެއްޓިފައި އޮއްވައި. ހޮސްޕިޓަލަށް ގެންދިޔައީމަ ބުނީ ބާރުގަދަ މަސްތުވާއެއްޗެއް ބޭނުންކޮށްފައޭ ހުރީ. އެފަހަރު ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުންދަނިކޮށް ފިލީ. އިސްލާހުވޭތޯ ރަށަށް [ގުރައިދޫ] ގެންގޮސް ކޮއްކޮއެއް ކައިރީ ބެހެއްޓީމަ އޭނާގެ ދަރިފުޅުގެ އަނގަޔަށް ފޮތިގަނޑެއް ކޮއްޕާލައިގެން އުޅެނިކޮށް އެގެއިން ނެރުނީ. ދެން މާމަ ކައިރީ ބެހެއްޓީމަ މާމައަށް ވަޅިން ބިރުދައްކައިގެން އެގެއިން ނެރުނީ. އަޅުގަނޑުގެ ގެއަށް ގެންނަން ދަރިން އެއްބަހެއް ނުވޭ،" އޭނާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އަންހެން ކުއްޖާ ގުރައިދޫއަށް ގޮސް އެ ރަށު ޕޮލިސް ސްޓޭޝަނުގައި އެހީތެރިވެދިނުމަށް އެދުމުން އަންހެން ކުއްޖާ ބެލެހެއްޓޭނެ ގޮތެއް ހަދައިދިނުމަށް ކައުންސިލް އިދާރާއާ ހަވާލު ކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް އެ އިދާރާ ބަންދުކުރާ ވަގުތު އަންހެން ކުއްޖާ ބަލަހައްޓާނެ ގޮތެއް ނެތުމުން ޖެންޑާއަށް މައްސަލަ ހުށަހަޅައިގެން ކުރިއެރުމެއް ނުލިބުމުން ކައުންސިލުން ވެސް ވަނީ މިހާރު އަންހެން ކުއްޖާ ބެލުމަށް ދެކޮޅު ހަދާފަ އެވެ. ސަބަބަކަށް ވަނީ މާލެ ގޮސް އަންހެން ކުއްޖާ ބަލަހައްޓާ ހެދުމަށް ކައުންސިލަށް ވެސް ނުކުޅެދުމެވެ.
"އަޅުގަނޑުމެން ޖެންޑާގައި އަންހެންކުއްޖާގެ ވާހަކަ ދެންނެވުމުން އެބޭފުޅުން ވިދާޅުވީ ޑޮކްޓަރަށް ދެއްކުމަށް ފަހު އަންހެން ކުއްޖާގެ ލިޔުންތައް ފޮނުވަން. އަޅުގަނޑުމެން ބުނެފިން ޕޮލިހާއި ކައުންސިލް އިދާރާ ގުޅިގެން އަންހެން ކުއްޖާ މާލެ ފޮނުވާފައިވާނަމޭ. ތިބޭފުޅުން [ޖެންޑާ] ޑޮކްޓަރަށް ދެއްކޭނެ ގޮތެއް ހައްދަވައި ދެއްވާށޭ. އެކަމަކު އެބޭފުޅުންނަށް އެކަމެއް ނުވާނެ ކަމަށް ވަނީ. އެހެންވެ އަޅުގަނޑުމެން ވެސް މިހާރު މި ނިންނީ އޭނަ ދޫކޮށްލަން އަޅުގަނޑުމެންނަކަށް ވެސް މިކަން ނުވާނެ ކަމަށް ބަލާ،" ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން ވިދާޅުވި އެވެ.
މަގުމަތިވެފައި ހުރި އަންހެން ކުއްޖާގެ މައްސަލައާ ގުޅިގެން ޖެންޑާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އަދިވެސް އަންހެން ކުއްޖާ އުޅެނީ ހަމަ އެގޮތުގައި ރަށުތެރޭގައި އެތަން މިތަނުގަ އެވެ. އެއްވެސް ބައެއްގެ ހިޔާވައްސަކަށް އެ ކުއްޖާ ވަންދަން އެކަކު ވެސް އެއްބަހެއްނުވެ އެވެ.