އެމެރިކާގެ ކެލިފޯނިއާގައި މިއަދު ފަށާ މައިކްރޮސޮފްޓްގެ ބިލްޑް ޑިވެލޮޕާ ކޮންފަރަންސްގައި ކޮފީ ބޯ ޖޯޑު ތަކުގައި ވިންޑޯސް ސޮފްޓްވެއާ ބޭނުންކުރެވޭ ޕްލެޓްފޯމްއެއް ތައާރަފްކުރާނެ ކަމުގެ އިޝާރަތެއް އެ ކުންފުނިން ދީފިއެވެ.

އިންޓަނެޓް އޮފް ތިންގްސް، ނުވަތަ އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތި، އެކަތި އަނެކައްޗާ ގުޅާލައިގެން ބޭނުން ކުރެވޭ ފަދަ ގޮތަކަށް އުފައްދާ އުފެއްދުންތައް އަންނަނީ މަޝްހޫރުވަމުންނެވެ. ކޮފީ ޖޯޑު ތަކުގަޔާއި ރޮބޮޓްތަކުގައި ވިންޑޯސް ބޭނުންކުރެވޭ ގޮތަށް ހެދުން އެއީ މައިކްރޮސޮފްޓް އިން އިންޓަނެޓް އޮފް ތިންގްސް ގެ ބާޒާރަށް ވަނުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮފީ ބޯ ޖޯޑު ފަދައި ތަކެތީގައި ވިންޑޯސް ބޭނުންކުރެވޭ ގޮތް ހަދާނީ އިންޓެލް އިން އުފައްދާފައިވާ ގަލީލިއޯ ނަމަކަށް ކިޔުނު ޗިޕްއެއް ހަރުކޮށްގެން ނެވެ. ނަމަވެސް ޖޯޑުއްގައި ވިންޑޯސް ބޭނުން ކުރެވޭނެ ގޮތްތަކަކީ ކޮބައިކަން އަދި ދައްކާލާފައެއް ނުވެއެވެ.

މައިކްރޮސޮފްޓްގެ އައު ޕްލެޓްފޯމް ދައްކާލާނެ ކަމަށް ބުނެފައި ވަނީ ބިލްޑް ކޮންފަރަންސް އާ ދިމާކޮށް، ރޭގެ ވަތުގެއްގައި ހުޅުވި “ވިންޑޯސް އޮން ޑިވައިސަސް”ވެބްސައިޓްގައެވެ. ނަމަވެސް ހުޅުވިތާ އިރުކޮޅެއްގެ ތެރޭގައި ވެބްސައިޓް ވަނީ ޑައުން ވެފައެވެ.

މައިކްރޮސޮފްޓްގެ ވިންޑޯސް އޮން ޑިވައިސަސް ޕްލެޓްފޯމްގައި ކޮފީ މަގުގެ އިތުރުން ހިފާ ގެންގުޅޭ އެތައް ތަކެއްޗެއްގައި ވިންޑޯސް ބޭނުންކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ވިންޑޯސް ބޭނުންކޮށްގެން ކުޅެވޭ ޕިއާނޯއެއްގެ އިތުރުން ރޮބޮޓްއެއްގަޔާއި ވާހަކަދައްކާ ޓެޑީ ބެއާއެއްގައި މި ޕްލެޓްފޯމް މަސައްތް ކުރާ ގޮތް ދައްކާލާނެ ކަމަށް ބިލްޑް ކޮންފަރަންސްގައި ވަނީ ބުނެފައެވެ.

އިންޓަނެޓް އޮފް ތިންގްސް ގެ ވިންޑޯސް ޕްލެޓްފޯމް އަށް އެޕްލިކޭޝަންތައް ހަދައި، މި ޕްލެޓްފޯމް ބޭނުންކޮށްގެ ކުރެވިދާނެ ކަންކަން ހޯދުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ސޮފްޓްވެއާ އުފައްދާ ފަރުދުންނާއި ކުންފުނިތަކަށް (ޑިވަލޮޕާސް އަށް) އަށް ސޮފްޓްވެއާ ޑިވެލޮޕާސް ކިޓް (އެސްޑީކޭ) އެއް ދާދި އަވަހަށް ތައާރަފްކުރާނެ ކަމަށްވެސް މައިކްރޮސޮފްޓް އިން ވަނީ ބުނެފައެވެ.

ސެމްސަންގް ގިއަރ ސްމާޓް ގަޑި ތައާރަފް ކުރުމާ އެކު ކުރިއަރަމުން އަންނަ އައު ބާޒާރެއް ކަމަށްވާ ގައިގައި ހަރުކޮށްލެވޭ ޓެކްނޮލޮޖީގެ ބާޒާރަށް މައިކްރޮސޮފްޓް ގެ ވިންޑޯސް އޮން ޑިވައިސަސް ޕްލެޓްފޯމް އާއްމުވެގެންދާނެ ކަމަށް އިންޑަސްޓްރީ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.