02 Apr 2014, 13:38
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުރި ރާއްޖޭގެ ހައިކޮމިޝަން އިއްޔެ ބަންދުކޮށްފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.
ބަންގްލަދޭޝް އަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ އެކްޓިން ހައިކޮމިޝަނަރު އަހުމަދު އާދިލް ވިދާޅުވި ކަމަށް ބަންގްލަދޭޝް ނިއުސް 24 އިން ބުނީ ހައިކޮމިޝަން ބަންދުކުރީ ފައިސާގެ ދަތިކަމުން ކަމަށެވެ.
"... ފޮރިން މިނިސްޓްރީގެ ބަޖެޓުން ވެސް ވަނީ 40 ޕަސެންޓް ކަނޑާލާފައި، މިއީ ވަރަށް ބޮޑު އުނިކުރުމެއް، ބަންދުކުރުން ނޫން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް،" އާދިލު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އާދިލު ވިދާޅުވި ކަމަށް ނޫހުގައި އަދި ވަނީ ހައިކޮމިޝަން ބަންދުކުރި ނަމަވެސް ދެގައުމުގެ ގުޅުން ރަނގަޅުގޮތުގައި ކުރިއަށްދާނެ ކަމަށެވެ. އަދި ހައިކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް ކުރާނެ އެހެން ގޮތްތަކެއް ހޯދާނެ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ބަންގްލަދޭޝްގެ ޑާކާ ޓްރައިބިއުން ނޫހުން ބުނީ ހައިކޮމިޝަން ބަންދުކުރުމުން ބަންގްލަދޭޝްއާ ގުޅޭ ކަންތައްތައް ކުރާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީން ކަމަށް އަންގާފައިވާ ކަމަށެވެ.
" ދިވެހި ސަރުކާރާ ގުޅިގެން ކުރަން ޖެހޭ ކޮންމެ ކަމެއް ހަމަޖައްސާނީ ދިއްލީގައި ހުންނަ މިޝަން މެދުވެރިކޮށް، މިހާރުން ފެށިގެން އަޅުގަނޑުމެން ގުޅާނީ އެމީހުންގެ ދިއްލީ މިޝަންއާ،" ބަންގްލަދޭޝް ފޮރިން މިނިސްޓްރީގެ ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ ޑާކާ ޓްރައިބިއުން އިން ބުންޏެވެ.
ބަންގްލަދޭޝްގައި ހުރި ހައިކޮމިޝަން ބަންދުކުރި ކުރުމާ މެދު ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް އަދި ވަނީ ސަން އަށް ނުލިބިފަ އެވެ.
ބަންގްލަދޭޝްގައި ރާއްޖޭގެ ހައިކޮމިޝަނެއް ހުޅުވީ 2008 ވަނަ އަހަރުގެ ޖުލައިމަހު އެވެ. ރާއްޖޭގައި އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަޒީފާ އަދާކުރެ އެވެ.