02 Apr 2014, 13:38
މިމަހުގެ 22 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހަށް އިންތިހާބްވެވަޑައިގެންފައިވާ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަރުހަބާ ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް އަލަށް އިންތިހާބްވެވަޑައިގެންފައިވާ މެމްބަރުންނަށް މަޖިލީހުގެ ރައީސް ފޮނުއްވާފައިވާ ސިޓީފުޅެއްގައި އެ މެމްބަރުންނަށް ތަހުނިއްޔާ އާއި މުބާރިކު ބާދީ އަރިސްކުރައްވާފައިވެ އެވެ. އަދި އަލަށް އިންތިހާބްވެވަޑައިގެންނެވި މަޖިލީސް މެމްބަރުން ގާނޫނު އަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގާނޫނީ ހުވާކުރުމުގެ އެންމެހާ ކަންކަން މަޖިލީހުން އިންތިޒާމް ކުރަމުން ގެންދާ ކަމަށް ވެސް މަޖިލީސްގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިފަހަރުގެ އިންތިހާބްގައި 85 ދާއިރާއަކަށް މެމްބަރުން އިންތިހާބުކޮށްފައިވާ އިރު އަލަށް އެކުލަވާލެވޭ މަޖިލީހުގައި ޕީޕީއެމްއަށް ނިސްވަތްވެވަޑައިގެންނަވާ ޕީޕީއެމްގެ 37 މެމްބަރުންނާއި އެމްޑީޕީގެ 25 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ 15 މެމްބަރުންނާއި އެމްޑީއޭގެ 5 މެމްބަރުން އަދި އަމިއްލަ ދެ މެމްބަރުންގެ އިތުރުން އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގެންނަވާ އެއް މެމްބަރަކު ހިމެނިވަޑައިގެންނަވަ އެވެ.
އަލަށް އިންތިހާބުވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރުމަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. އެއީ މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ މަހުގެ 28 ގަ އެވެ