ސްކޫލް ނިންމައިގެން ނުކުންނަ ކުދިން މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުމުގެ ގޮތުން ސަރުކާރުން ފަށަން ހަމަޖައްސާފައިވާ "ދަސްވާރު" ޕްރޮގްރާމް މިއަދު ފަށައިފި އެވެ.

ވަޒީފާއާ ބެހޭ ގޮތުން ތަމްރީނު ދިނުމަށް ބާއްވާ އެ ޕްރޮގްރާމްގެ ފުރަތަމަ ބުރު ހާއްސަކޮށްފައި ވަނީ މަޖީދިއްޔާ ސްކޫލް ނިންމި ދަރިވަރުންނަށެވެ. އެގޮތުން އެ ސްކޫލުން ޖުމްލަ 20 ދަރިވަރަކު މަސައްކަތުގެ މާހައުލަށް ނެރިފައިވާ އިރު އެ ކުދިންގެ ތެރެއިން ހަ ދަރިވަރަކާ ވަނީ ފެނަކަ ކޯޕަރޭޝަނުން ހަވާލުވެފަ އެވެ.

އެ ހަ ދަރިވަރުންނާ އެކު ޕްރޮގްރާމް ފެށުމަށް މިއަދު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ މާދަމާ އެ ކުދިން ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރަން ފަށާނެ ކަމަށެވެ. އަދި އެ ހަ ކުދިންގެ ތެރެއިން ހަތަރު ކުއްޖަކު ފެނަކަ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ އިރު ދެންތިބި ދެ ކުދިން މަސައްކަތް ކުރާނީ ފްރޮންޓް އޮފީސް ނުވަތަ އިދާރީ މަސައްކަތްތަކުގައި ކަމަށް ނިމާލް ވިދާޅުވި އެވެ.

"އަޅުގަނޑު ތިޔަ ބެލެނިވެރިންނަށް ޔަގީންކަން ދެން އަޅުގަނޑުމެން އެކުދިން ބޭރަށް ނުފޮނުވާނެކަން. އެކުދިން މަސައްކަތް ކުރާނީ ފެނަކައިގެ މި އިމާރާތް ތެރޭ ވަރަށް ރަނގަޅަށް މެނޭޖްކޮށް ސުޕަވައިޒް ކުރެވިގެން އަޅުގަނޑުމެން އެކުދިން ގެންގުޅޭނީ." ނިމާލް ވިދާޅުވި އެވެ.

މާދަމައިން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް އެ ކުދިން މަސައްކަތް ކުރާ އިރު ނިމާލް ވިދާޅުވީ އެކުދިން މަސައްކަތް ކުރައްވާ ދުވަސްވަރު ހާއްސަ އުޖޫރައެއް ވެސް ދެއްވާނެ ކަމަށާއި ނަމަވެސް އުޖޫރައަށް ދެއްވާނީ ކިހާވަރެއްކަމެއް މިވަގުތު ދަންނަވަން ދަތިކަމަށެވެ. އަދި ކުންފުނީގެ ބޯޑު ބައްދަލުވުމެއް ބޭއްވުމަށް ފަހު އުޖޫރަކަށް ދެއްވާނޭ ވަކި މިންވަރެއް ކަނޑައެޅިގެން ދާނޭކަމަށް ވެސް ނިމާލް ވިދާޅުވި އެވެ.

ނިމާލް އިތުރަށް ވިދާޅުވީ ހަ މަސް ދުވަސް ހަމަވީ ކަމުގައި ވިޔަސް ވެސް އެ ކުދިންނަކީ ފެނަކަ އިން ބޭނުންވާ ވަރުގެ ތަމްރީނެއް ލިބިފައި ތިބި ކުދިންކަމުގައިވާ ނަމަ އެކުދިންނަށް ފެނަކައާ އެކު "އުދުހެން ބޭނުންވާ މިންވަރަކަށް އުދުހުމުގެ މިނިވަންކަން އެބައޮތް" ކަމަށެވެ.