ރާއްޖެ ހިމެނޭ ސަރަހައްދުގެ މަސްވެރިކަމުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ވަރަށް އަވަހަށް ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީ އިން މިހެން ބުނީ ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދާއި މާދަމާ ކުރިއަށްދާ "ބޭ އޮފް ބެންގާލް ލާޖް މެރިން އެކޯ ސިސްޓަމް ޕްރޮޖެކްޓް"ގެ ސްޓިއަރިން ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

"... އެކަށީގެން ނުވާވަރަށް ވަސީލަތްތައް ބޭނުން ކުރުމާއި މާހައުލު ހަލާކުވުމުގެ ހެކިތައް އަޅުގަނޑުމެންގެ އައްސޭރިފަށުގެ ސަރަހައްދުން ދަނީ ގިނަގިނައިން ފެންނަމުން. މަސްވެރިކަމުގެ ވަސީލަތްތައް ދެމެހެއްޓުމާއި މާހައުލުތައް އަލުން ރަނގަޅުކުރުމަށް ވަރަށް އަވަހަށް ގޮތްތަކެއް ހޯދުމަކީ ކޮންމެހެން ވެސް ބޭނުންވާ ކަމެއް،" ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ އަދި ސްޓިއަރިން ކޮމިޓީގައި ރާއްޖެ ތަމްސީލުކުރައްވާ ޑރ. އަބުދުﷲ ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތުން ކުރާ މަސައްކަތްތަކަކީ މުޖުތަމައުތަކުގެ ބައިވެރިވުން އޮންނަ މަސައްކަތްތަކަށް ވާން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ވާހަކަ ދެކެވި މަޝްވަރާ ކުރެވިގެން މަސްވެރިކަމުގެ މަޝްރޫއުތަކުގެ ޕްލޭންތައް ހަދަން ޖެހޭ ކަމަށެވެ.

ބޭ އޮފް ބެންގާލް ލާޖް މެރިން އެކޯ ސިސްޓަމް ޕްރޮޖެކްޓް (ބީއޯބީއެލްއެމްއީ) އަކީ ބޭ އޮފް ބެންގާލް ސަރަހައްދުގެ މަސްވެރިކަމުގެ ވަސީލަތްތަކާއި މާހައުލު ރަނގަޅު ގޮތުގައި މެނޭޖް ކުރުމަށް އަށް ގައުމެއް ގުޅިގެން ހިންގާ މަޝްރޫއެކެވެ. ފަސް އަހަރު ދުވަހަށް ހިންގާ އެ މަޝްރޫއަށް ހަރަދުކުރަނީ ދަ ގްލޯބަލް އެންވަޔަރްމެންޓް ފެސިލިޓީ (ޖެފް) އާއި ނޯވޭގެ ނޯރޭޑްއާއި ދަ ސްވިޑިޝް އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީ (ސިޑާ) އާއި ޔުނައިޓެޑް ނޭޝަނަސް (ޔޫއެން) ގެ ދަ ފުޑް އެންޑް އެގްރިކަލްޗަ އޯގަނައިޒޭޝަން (އެފްއޭއޯ) އާއި އެމެރިކާގެ ނެޝަނަލް އޯޝަނިކް އެންޑް އެޓްމިސްފިއަރިކް އެޑްމިނިސްޓްރޭޝަން (ނޯއާ) އިންނެވެ. އެޖަމާއަތްތަކުން މަޝްރޫއަށް ގާތްގަނޑަކަށް 31 މިލިޔަން ޑޮލަރު ހަރަދުކުރަން ހަމަޖެހިފައިވެ އެވެ.

ބީއޯބީއެލްއެމްއީ ޕްރޮޖެކްޓް ފެށީ 2009 ވަނަ އަހަރު އެވެ. އެޕްރޮޖެކްޓް މި އަހަރު ނިމޭގޮތަށް ކުރިން އޮތް ނަމަވެސް އެއް އަހަރު އިތުރުކުރަން މިހާރު އަންނަނީ މަޝްވަރާކުރަމުންނެވެ.