ބޭސްފަރުވާ އަށް އިންޑިއާ އަށް ދިޔަ މީހަކާ ހަވާލުކޮށްގެން ރާއްޖެ އެތެރެ ކުރި މަސްތުވާތަކެއްޗާ އަދި އެ އެއްޗިއްސާ ހަވާލުވި މީހާ ހައްޔަރުކޮށްފި އެވެ.


ކަސްޓަމްސް އިން ބުނީ މި މަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސުނު އިރު އިންޑިއާގެ ތިރުވަނަންތަޕޫރަމުން މޯލްޑިވިއަންގެ ފްލައިޓަކުން ރާއްޖެ އައި އުމުރުން 24 މީހެއްގެ ފޮށިތަންމަތި ބަލާ ފާސް ކުރި ކުރުމުން ޕެކިނާ އެކު ޖުމްލަ 360 ގްރާމްގެ ހެރޮއިން ފެނިފައިވާ ކަމަށެވެ. އަދި އެ އެއްޗިއްސަކީ އެމީހުން އިންޑިއާގައި ތިބި އިރު އެމީހުންނަށް އެހީތެރި ވެދިން އިންޑިއާގެ އަންހެނަކާ ފިރިހެނަކު އުމުރުން 24 އަހަރުގެ މީހާއާ ހަވާލުގައި ގެންގޮސް އޭނާގެ ބޭބެއާ ހަވާލުކޮށް ދިނުމަށް އެދިފައިވާ ދަބަހެއް ކަމަށް ކަސްޓަމްސުން ބުންޏެވެ. އަދި އޭނާގެ ބޭބެއަށް ވެސް އިންޑިއާގައި ހުރިއިރު އެހީތެރިވެދިން އިންޑިއާގެ ދެމީހުން ބުނެފައި ވަނީ އެ ދަބަހުގައި ހުރި މެޓާ ކޮޅު ނެގުމަށް ފަހު ހުސް ދަބަސް ބަލާ މީހަކު ދާނެ ކަމަށާއި އަދި އެމީހަކު ދިއުމުން ބޭބެ ގާތު ދަބަސް އެމީހާއާ ހަވާލު ކުރުމަށް އެދިފައިވާ ކަމަށް ވެސް ތަހުގީގުގައި އެދަބަސް ގެނައި މީހާ ބުނެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.


ކަސްޓަމްސް އިން ބުނީ އެތަކެތި ދަބަހުގައި ރައްކާކޮށްފައި ވަނީ ދަބަހުގައި ޑަބަލް ފޫ ހަދައިގެން ކަމަށެވެ.


އެ މީހާ އިންޑިއާ އަށް ދިޔައީ އޭނާގެ މަންމަ އާއި އަންހެނުންނާ އަންހެނުންގެ މަންމަ ޑޮކްޓަރަށް ދެއްކުމަށް ކަމަށް ވެސް ތަހުގީގު ގައި އޭނާ ބުނެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.


އަތުލައިގަތް މަސްތުވާތަކެއްޗާ އަދި އެ ތަކެތި ހިފައިގެން ރާއްޖެ އައި މީހާ ވެސް ވަނީ ތަހްގީގަށް ފުލުހުންގެ ހައްޔަރު ގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.


އެގޮތަށް މީހުންދޭ ގޮތް ނޭންގޭ ތަކެއްޗާ ހަވާލު ނުވުމަށް ކަސްޓަމްސްއިން ވަނީ މީގެ ކުރިން ވެސް އެތަށް ފަހަރެއްގެ މަތިން އިލްތިމާސް ކޮށްފައެވެ.