ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ރޭ ކުޅުނު މެޗް 1-1 ލަނޑުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ރަށުން ބޭރުގައި ޔުނައިޓެޑާ ދެކޮޅަށް ބަޔާން ކުޅުނު މިމެޗުގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ދެ ތިން ފުރުޞަތެއް ލިބިފައިވާކަން ފާހަގަ ކޮށްލެވުނެވެ. އެގޮތުން ޔުނައިޓެޑްގެ ވެލްބެކަށް ގޯލް ޖަހަން ހުސްކޮން ކަހަލަ ގޮތަކަށް ލިބުނު ރަނުގެ ފުރުޞަތު ބަޔާންގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އަދި ފުރަތަމަ ހާފުގައި ބަޔާންގެ ރޮބެން ޔުނައިޓެޑްގެ ގޯލަށް ފޮނުވާލި ބާރު ބޯޅަވެސް ޔުނައިޓެޑްގެ ކީޕަރު ހުށިއާރު ކަމާއެކު ދިފާއު ކުރިކަން ވެސް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ފަހަގަ ވެގެން ދިޔަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޔުނައިޓެޑުންނެވެ. އެ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ސާބިއާގެ ޑިފެންޑަރު ނެމަންޖާ ވިޑިޗެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ލަނޑު ޖަހާ މެޗުގެ ލީޑް ނެގިތާ އަށް މިނެޓް ފަހުން ބަޔާން މިއުނިކުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ބަޔާންއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖަރުމަންގެ މިޑްފީލްޑަރު ބަސްޓިއަން ޝުވެންސްޓައިގާ އެވެ. އަދި ޜޭގެ މެޗުގެ ފަހުކޮޅު ބަޔާންގެ ޝްވައިންސްޓައިގާ އަށް ދެއްކި ރަތްކާޑުގެ ސަބަބުން އޭނާ އަށް ބަޔާންގެ ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗު ގެއްލޭނެ އެވެ. އަދި މި މެޗުގައި ބަޔާންގެ ސްޕެއިން މިޑްފީލްޑަރު ހަވީ މާޓިނޭޒް އަށް ދެއްކި ރީނދޫ ކާޑާ އެކު އޭނާ އަށް ދެ ކާޑު ހަމަވެ، ދެވަނަ ލެގުގައި ނުކުޅެވޭނެ އެވެ.

ރޭގެ މެޗުގައި ޝްވައިންސްޓައިގާ އަށް ރެފްރީ ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑު ދެއްކީ ޔުނައިޓެޑްގެ ފޯވަޑް ވޭން ރޫނީ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. އެވަގުތު ބަޔާންގެ ކޯޗް ވަނީ އޭނާއާށް ދެއްކި ރަތް ކާޑާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެމަންޒަރުތައް ޓީވީ ރިޕްރޭއިން ފެނިފައިވެ އެވެ.

ރޭގެ މެޗުގެ ނަތީޖާ އެއްވަރިވި ފަހުން ވެސް، މެޗުގެ ލީޑް ނަގަން ދެ ޓީމަށް ވެސް ދެ ތިން ފުރުޞަތެއް ލިބިފައިވާކަން ފާހަގަ ކޮށްލެވެނެވެ. އެހެން ނަމަވެސް އެފުރުޞަތުތައް ވެސް ދިޔައީ ބޭކާރުވެގެން ނެވެ.

ދެވަނަ ލެގުގައި ޔުނައިޓެޑާ ދެކޮޅަށް ބަޔާން މިއުނިކް ބައްދަލުކުރާ މެޗް އޮންނާނީ އަންނަ ހަފްތާގެ ބުދަދުވަހުގެ ރޭ ރާއްޖެ ގަޑިން 11:45 ގައެވެ.