02 Apr 2014, 12:12
ސިޓީއަކުން ދެންނެވުމުން ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާތީ ނެރުނު ކޯޓު އަމުރާއެއްގޮތަށް ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރުން ޖުވެނައިލް ކޯޓަށް ހާޒިރުވެއްޖެ އެވެ.
އެޗްއާރްސީއެމްގެ މެމްބަރުން ޖުވެނައިލް ކޯޓަށް ހާޒިރުވެފައި ވަނީ އެ ކޮމިޝަނުން ނެރުނު ރިޕޯޓެއްގައި ޖުވެނައިލް ކޯޓާ ގުޅޭގޮތުން ދޮގު މައުލޫމާތުތަކެއް ހިމަނާފައިވާތީ އެކަމާ ބެހޭ ގޮތުން ސުވާލުކުރުމަށެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:00 އަށް އެ ކޮމިޝަންގެ މެމްބަރުން ގާނޫނީ ވަކީލަކާ އެކު ކޯޓަށް ހާޒިރުވެ ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތަކަށް އެދިވަޑައިގަތް ކަމަށެވެ. އެގޮތުން މިއަދު 3:00 އަށް ލިޔުމުން ޖަވާބުދާރީވުމަށް ކޯޓުން ފުރުސަތު ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ ބޭފުޅުން ލިޔުމުން ޖަވާބުދާރީވުމުންމުން އިތުރު ކަމެއް ކޯޓުން ސާފުކުރަން ޖެހިއްޖެނަމަ އެބޭފުޅުން ކޯޓަށް ހާޒިރުކޮށް އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.
އެޗްއާރްސީއެމް އިން ޖުވެނައިލް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ބުނެ އެކަމާ ބެހޭ މައުލޫމާތު އެ ކޯޓުން މީޑިއާތަކަށް ދީފައިވާ ކަމަށް ދެކެވޭ ވާހަކަ އެ ކޯޓުން ވަނީ ދޮގުކޮށްފަ އެވެ.
އެޗްއާރްސީއެމްގެ މެމްބަރުން ޖުވެނައިލް ކޯޓަށް ހާޒިރު ކުރަނީ ގާނޫނީ އިޖުރާއަތާ ޚިލާފަށް ކަމަށް ބުނެ އެ ކޮމިޝަނުން ބުނެފައިވީނަމަވެސް، އެ ކޯޓުން ބުނީ އެއީ ދޮގެއް ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކޮމިޝަންގެ މެމްބަރުންނަށް ކޯޓު އަމުރު ފޮނުވަންޖެހުނީ ސިޓީއެއް ފޮނުވުމުން ކޯޓަށް ހާޒިރުވެވަޑައިނުގަތުމުން ކަމަށެވެ. އަދި ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނާ ގޮތުން ހުރިހާ ފަރާތްތަކުން ވެސް ކޯޓުތަކަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް ވެސް ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.